ސްރީލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި ހަށި ވިއްކުމުގެ ޝިކާރައަކަށް ވި އުމުރުން 15 އަހަރުގެ އަންހެން ކުއްޖާ އެކި ފަރާތްތަކަށް އެކި އަގުގައި ތިން މަސް ދުވަސް ވާންދެން ވިއްކި ކަމަށާއި އަދި ބައެއް ފަހަރު 30 ހާސް ރުޕީސްއަށް ވެސް ވިއްކާފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ބުނެފިއެވެ.
ތިރީސް ހާސް ލަންކާ ރުޕީސްއަކީ 150 އެމެރިކާ ޑޮލަރު ނުވަތަ 2،300 ދިވެހި ރުފިޔާއެވެ.
ފުލުހުންނާ ހަވާލާދީ ލަންކާގެ ނޫސްތަކުން ރިޕޯޓު ކުރި ގޮތުގައި އެ މައްސަލާގައި ފުރަތަމަ މީހާ ހައްޔަރު ކޮށްފައިވަނީ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ. އަދި އޮންލައިން ކޮށް އިޝްތިހާރުތައް ހަދާ، އެކި މީހުންނަށް އެ އަންހެން ކުއްޖާ 3 މަސް ތެރޭ، ފަހަރަކު 15 ހާސް ރުޕީސް އާއި 20 ހާސް ރުޕީސް އަދި 30 ހާސް ރުޕީސް އަށް ވިއްކާފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
އެ މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރު ކޮށްފައި ވާއިރު އެންމެ ފަހުން ހައްޔަރު ކޮށްފައި ވަނީ 33 އަހަރުގެ މީހަކާއި ޑޮކްޓަރެއް ކަމަށް ބޭރުގެ ނޫސްތަކުން ބުނެއެވެ.
ޑޮކްޓަރު ހައްޔަރު ކޮށްފައި ވަނީ ބަންޑަރަގަމާ ސަރަހައްދުން ކަމަށާއި އޭނާގެ މައްޗަށް އަންހެން ކުއްޖާ ބުލީ ކުރުމާއި ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކޮށްފައިވާ ކަމަށް ވެސް ނޫސްތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
ލަންކާ ފުލުހުން ބުނެފައި ވަނީ ކުއްޖާ ލައްވާ ހަށި ވިއްކުވި މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ކުއްޖާގެ މަންމަ ހިމެނޭ ކަމަށާއި އޭނާ ހައްޔަރު ކޮށްފައި ވާ ކަމަށެވެ. މީގެ އިތުރުން އޮޓޯ ޑްރައިވަރަކާއި ކާރު ޑްރައިވަރަކާއި ފާދިރީ އަކާއި ގަހަނާގެ ވިޔަފާރި ކުރާ މީހަކު ވެސް ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެއެވެ. އަދި ކުއްޖާ ވިއްކަން ހޮޓަލުން ކޮޓަރި ހަމަޖެއްސި އެ ހޮޓަލުގެ މެނޭޖަރު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް 34 މީހަކު ހައްޔަރު ކުރިއިރު އެ މައްސަލައިގައި ޝާމިލްވި މީހުން އަތުލައިގަތުމަށް މެދުވެރިވީ، އަންހެން ކުއްޖާ ވިއްކަން އިޝްތިހާރެއް ހަދާ ދެ ވެބްސައިޓެއްގައި ޖަހާފައި ވަނިކޮށް ފެނި އެކަން ކުރި އުމުރުން 35 އަހަރުގެ މީހަ ހައްޔަރު ކުރެވުމުން ކަމަށް ފުލުހުން ބުނެއެވެ.
އެމައްސަލައެއްގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ވެސް ހިމެނެއެވެ.
އިއްޔެ ކޯޓަށް ހާޒިރު ކުރުމުން އަޝްމަލީ މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމަރު ކޮށްފައެވެ.