އެމްޓީސީސީގެ "ހުނަވަރު ޓެކްނިކަލް ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2021" އަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ 3 މަސް ދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް ކުރިޔަށްގެންދާ ޕްރޮގްރާމެއްކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީއިން ބުނީ މި ޕްރޮގްރާމްގެ މަގްސަދަކީ ތަމްރީނާ ތަޖުރިބާ ލިބިފައިތިބި މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުން ކަމަށެވެ. އަދި މި ޕްރޮގްރާންގެ ދަށުން ކޮންސްޓްރަކްޝަން ސައިޓްތަކުގެ އެސިސްޓަންޓް ސުޕަވައިޒަރުންނާއި، މަގުހެދުމުގެ މަޝްރޫއުތަކަށް ބޭނުންވާ މުވައްޒަފުންގެ އިތުރުން ވެލްޑިންގެ ދާއިރާއަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރެވިގެންދާނެއެވެ.

މި ޕްރޮގްރާމް ހިންގާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 7 އިން މެންދުރުފަހު 03 ކަށް ކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް 5000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި މި ޕްރޮގްރާމްގެ ތަމްރީނުތައް ކުރިޔަށް ދާނަމަ ހުރުމާ ކެއުމުގެ ހަރަދުވެސް އެ ކުންފުނިން ދޭގޮތައް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީ އިން ބުނީ މި ޕްރޮގްރާމުގައި ޖުމުލަ 50 ފަރާތެއް ތަމްރީނު ކުރެވިގެންދާނެ ކަމަށެވެ. އެއީ ކޮންސްޓްރަކްޝަން ސައިޓްތަކުގެ އެސިސްޓަންޓް ސުޕަވައިޒަރުންގެ މަގާމަށް 30 ފުރުސަތާއި، މަގުހެދުމުގެ މަޝްރޫއުތަކަށް ބޭނުންވާ މަގާމުތަކަށް 10 ފުރުސަތު އަދި ވެލްޑިންގެ ދާއިރާއަށް ބޭނުންވާ މަގާމުތަކަށް 10 ފުރުސަތެވެ.

މި ޕްރޮގްރާމަށް ބައިވެރި ވުމުގެ އެންމެ ފަހު ތާރީހަކީ ޖުލައި 14، 2021 ކަމަށް އެމްޓީސީސީ އިން ކަނޑައަޅާފައިވާއިރު، މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އުމުރުން 18 އަހަރާ 25 އަހަރާ ދެމެދުގެ ކުށުގެ ރިކޯޑް ނެތް ދިވެހި ފަރާތްތަކަށެވެ. އަދި އިންޓަވިއު ކޮށްގެން ހޮވޭ ބައިވެރިންނާއެކު މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 15، 2021 ގައި ކަމަށް އެމްޓީސީސީ އިން ބުނެއެވެ.