ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 71 މައްސަލަ މިދިޔަ މެއި މަހު، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް ރިޕޯޓު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ތަކުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ގޮތުން އެ ބާވަތުގެ 21 މައްސަލަ ރިޕޯޓު ކޮށްފައި ވެއެވެ.

އެބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 16 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 15 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 9 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 8 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ ނުވަތަ ފުރައްސާރައިގެ ޝިކާރަ އަކަށްވުމުގެ 2 މައްސަލަ ހިމެނެއެވެ.

ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 4 މައްސަލަ މޭ މަހު ހުށަހަޅާފައި ވާއިރު އެ ފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ 2 މައްސަލަ ހިމެނެއެވެ. ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ 5 މައްސަލަ މޭ މަހު ވަނީ ރިޕޯޓު ކޮށްފައެވެ. އެއީ ތައުލީމަށް ހުރަސްއެޅުމުގެ 4 މައްސަލަ އަދި އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ 1 މައްސަލައެވެ.

ގާނޫނާއި ގާވާއިދާ ހިލާފުވުމުގެ 3 މައްސަލަ ހުށަހަޅާފައިވާއިރު އެއީ މާރާމާރީ ހިންގުމުގެ 1 މައްސަލައާއި ވައްކަން ކުރުމުގެ 1 މައްސަލައެވެ. އާއިލީ 12 މައްސަލަ މޭ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެ ފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 6 މައްސަލަ އަދި ހަޟާނާތު ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 6 މައްސަލަ ހިމެނެއެވެ.

އޭގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 34 މައްސަލަ މޭ މަހު ހުށަހަޅާފައިވާއިރު އެފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުން 15 މައްސަލައެވެ. އެބާވަތުގެ މައްސަލަތަކުގެ އިތުރުން، ނަފްސާނި އަނިޔާ ނުވަތަ އަނގަބަހުން އަނިޔާކުރުމުގެ 14 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 2 މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ 1 މައްސަލަ، ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 1 މައްސަލަ އަދި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުން ދިނުމުގެ 1 މައްސަލަ ހިމެނެއެވެ.

ހަމައެހެންމެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 15 މައްސަލަ މޭ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 9 މައްސަލައާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 6 މައްސަލައެވެ.

އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 8 މައްސަލަ މޭ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑް ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މޭ މަހު ދައުލަތުގެ ބެލުމުގެ ދަށަށް 1 ކުއްޖަކު ނަގާފައިވާއިރު 18 އަހަރު ފުރިފައިވާ އެއް ކުއްޖަކު މޭ މަހު ވަޒީފާގެ ފުރުސަތާއެކު މުޖުތަމައުއަށް ރުޖޫއަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މޭ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމުލަ 216 ކުދިން ކަމަށެވެ.