ޓޫރިޒަމް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނަވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މަޤާމުން ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައިދިނުމަށް އެދި ފުލުހުން ކްރިމިނަލް ކޯޓުގައި އެދިފައިވަނީ ޖޫން 23، 2021 ގައެވެ. އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައިދިނުމަށް އެދި ފުލުހުން ކްރިމިނަލް ކޯޓުގައި އަމުރަކަށް އެދިފައިވަނީ ޕީޖީ އިން އެ މައްސަލަ ފުލުހަށް ހުށަހެޅުމާ ގުޅިގެންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ދީފައިނުވާ ކަމަށެވެ. ކްރިމިނަލް ކޯޓުން އަމުރު ދީފައިނުވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މަގުސަދެއް އޮތްކަމަށް ނުބެލެވޭތީ ކަމަށާ ފުލުހުން އެދިފައިވާ ގޮތަށް ޕާސްޕޯޓު ހިފަހައްޓައިދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓާ ހަވާލާދީ ޕީގީ ޝަމީމް ވިދާޅުވެފައިވެއެވެ.

ޝަމީމް ވިދާޅުވީ މިއަދު ހެނދުނު ކްރިމިނަލް ކޯޓުން މި މައްސަލައިގައި ގޮތެއް ނިންމުމަށްފަހު ޕީޖީއަށް ފޮނުވާފައިވާ ކަމަށާ އެގޮތައް ނިންމާފައިވަނީ ގާޒީ ހަސަން ސައީދު ކަމަށެވެ. އަދި މި މައްސަލަ ހައިކޯޓުގައި ޕީޖީ އިން އިސްތިއުނާފް ކުރާނެ ކަމަށްވެސް ޝަމީމް ވިދާޅުވެފައިވެއެވެ.

މި މައްސަލަ އަޅުގަނޑުމެން ހައިކޯޓުގައި އެޕީލް ކުރާނަން. އަޅުގަނޑު މި ދަންނަވަނީ މީނަ އަކީ ފިލައިގެން އުޅޭ މީހެކޭ. ހައިކޯޓަށް ވެސް ނުފެނިފަ އި ހުރި މީހެކޭ. ކްރިމިނަލް ކޯޓަށް ނުފެނިފަ ހުރި މީހެކޭ އަދި ސުޕްރީމް ކޯޓަށް ވެސް ނުފެނި އުޅުނު މީހެއް ކަމަށް ލިޔެކިޔުންތަކުން ފެންނަން އެބަ އޮތޭ.
ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް

އެހެންކަމުން އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މަގުސަދެއް އެބަ ވާ ކަމަށް ދެކެވަޑައިގަންނަވާކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެ ކުރިންވެސް އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ރާއްޖޭން ބޭރަށް ބޭސްފަރުވާ އަށް ވަޑައިގަތުމަށް އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓު ދޫކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުން އަމުރު ނެރުމާ އެކު އަލީ ވަހީދު ވަނީ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޓާކިޝް އެއާލައިނުން ލަންޑަނަށް ފުރާވަޑައިގެންފައެވެ. އެ ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްފައި ވަނީ 4 މަސްދުވަހަށް ނަމަވެސް އަދިވެސް އޭނާ ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

އަލީ ވަހީދުގެ މައްސަލައިގެ އަޑުއެހުމެއް މިދިޔަމަހުގެ 10 ވަނަ ދުވަހަށް ތާވަލުކޮށްފައި ވަނިކޮށް އޭނާ ވަނީ އޭނާގެ ބޭސްފަރުވާ އަދިވެސް ނުނިމޭ ކަމަށާ އޮންލައިންކޮށް އަޑުއެހުން ބާއްވައިދިނުމަށް އެދި ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައެވެ.

ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ސިޓީއަށް ޖަވާބުދެމުން ބުނީ އޮންލައިންކޮށް ޝަރީއަތް ނުބޭއްވޭނެ ކަމަށެވެ. އަދި އެދުވަހުގެ އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފައެވެ.

ދެން އަލީ ވަހީދުގެ މައްސަލައިގެ އަޑުއެހުމެއް މިދިޔަމަހު 21 ވަނަ ދުވަހަށް ތާވަލުކޮށް އޮންލައިންކޮށް ވަނީ ޝަރީއަތް ކުރިޔަށް ގެންގޮސްފައެވެ. އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދިޔުމުން ޕީޖީ އިން ބުނެފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަލީ ވަހީދުގެ ޝަރީއަތް ނުހިންގޭނެ ކަމަށެވެ. އެއީ ކޮވިޑްގެ ހާލަތާ ގުޅިގެން ޝަރީއަތް ކުރުމާ ގުޅޭ ހާއްސަ އިޖުރާތުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުން ހުއްދަކުރާ 12 ހާލަތެއް އޮންނަ ކަމަށާ އެއިން އެއްވެސް ހާލަތަކަށް އަލީވަހީދުގެ ހާލަތު ނުފެތޭތީ ކަމަށެވެ.

ޕީޖީ އިން ބުނެފައި ވަނީ އަލީ ވަހީދު ހުންނެވީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ކަމަށާ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުންނަވާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ނުބޭއްވޭނެ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ އޭނާ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އެ މިނިސްޓްރީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރެއްވައިފާ ވާ ކަމުގެ ތުހުމަތުގައެވެ.

އަލީވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ތަކަކީ ރޭޕް ކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ އަމަލެއް ހިންގުމަށް އެދުމުގެ 2 ދައުވާއަކާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަނެއް ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާކުރުމާ އަދި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާއެވެ.