ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ސެމީއަށް ދަތުރުކުރި ފުރަތަމަ ޓީމަކަށް ސްޕެއިންވެއްޖެއެވެ.

ސްޕެއިން މުބާރާތުގެ ސެމިއަށް ދަތުރުކުރީ ރަޝިޔާގެ ސެއިންޓް ޕީޓާސްޕާބްގައި ސުވިޓްޒަލޭންޑާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗުގެ ރެގިއުލާ ޓައިމް 1-1 އަކުން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 1-3 އަކުން ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްޕެއިނުންނެވެ. އެހެން ނަމަވެސް މިލަނޑަކީ ސުވިޓްޒަލޭންޑްގެ ކުޅުންތެރިއެއްގެ ކަމަށްވާ ޒަކާރިއާގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ސްޕެއިންގެ ފުރަތަމަ ލަނޑަކީ ސުވިޓްޒަލޭންޑް އަތުން ބައިކޮޅަށް ވަތް ލަނޑެއް/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

މެޗުގެ ފުރަތަމަ ހާފްގައި މުޅިހެން ކުޅުނީ ސްޕެއިންއެވެ. އަދި ސުވިޓްޒަލޭންޑަށް މެޗުގެ ފުރަތަމަ ހާފްގައި މާ ގިނަ ހަމަލާތަކެއް ނުއުފެއްދެއެވެ.

މެޗުގެ ފުރަތަމަ ހާފް ސްޕެއިން ކުރީގައި އޮވެގެން ނިންމި އިރު ދެވަނަ ހާފްގައި ސުވިޓްޒަލޭންޑުން ވަނީ ކުޅުން ވަރުގަދަކޮށް ސްޕެއިންގެ ގޯލަށް އަމާޒުކޮށްފައެވެ. ނަތީޖާއަކަށްވީ މެޗުގެ 68 ވަނަ މިނެޓްގައި ސުވިޓްޒަލޭންޑުން ލަނޑެއް ޖަހާ މެޗުގެ ސްކޯ ހަމަ ހަމަ ކުރުމެވެ.

ސުވިޓްޒަލޭންޑްގެ ލަނޑު ޖަހާ ދިން ޝަކީރީ/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

ސްޕެއިންގެ ދެޑިފެންޑަރުންނަށް ހެދުނު ގޯހަކުން ސުވިޓްޒަލޭންޑަށް ލިބުނު މި ފުރުސަތު އެޓީމަށް ކާމިޔާބުކޮށް ދިނީ ޒޭޑާން ޝަގީރީއެވެ.

އެޓީމުން މިލަނޑު ޖެހިތާ މާ ގިނަ އިރެއް ނުވެ ސުވިޓްޒަލޭންޑްގެ ފްރޮއިލާއަށް ވަނީ މެޗުގެ 77 ވަނަ މިނެޓްގައި ސީދާ ރަތް ކާޑެއް ދައްކާފައެވެ.

އެހެން ނަމަވެސް މެޗުގެ ރެގިއުލާ ޓައިމްގައި ދެ ޓީމަށް ލަނޑެއް ނުޖެހުމުން މެޗުގެ ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ 30 މިނެޓް ކުޅުނެވެ.

ސުވިޓްޒަލޭންޑްގެ ކީޕަރު ޔާން ސޯމާ ވަނީ މުހިންމު ސޭވްތަކެއް ކޮށްފައި/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

އިތުރު ވަގުތުގެ ގޮތުގައި ކުޅުނު 30 މިނެޓްގައި ސުވިޓްޒަލޭންޑްގެ ފަރާތުން ހިތްވަރު ގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު ކީޕާރު ޔާން ސޯމާ ވަނީ ހުޝިޔާރު ސޭވްތަކެއް ކޮށްފައެވެ.

30 މިނެޓްއަށް ފަހު ޕެނަލްޓީ ޖެހި އިރު ސްޕެއިން ޕެނަލްޓީ ޝޫޓް އައުޓް ކާމިޔާބުކުރީ 3-1 އަކުންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ސްޕެއިންގެ ކީޕަރު ދެ ޕެނަލްޓީ ސޭވް ކުރި އިރު ސުވިޓްޒަލޭންޑްގެ ކީޕަރު ވެސް ވަނީ އެއް ޕެނަލްޓީ ސޭވްކޮށްފައެވެ.

ސެމީގައި ސްޕެއިނުން ކުޅެން ޖެހޭނީ މިރޭ އިޓަލީއާ ބެލްޖިއަމް ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.