ކަރަންޓީނުގައި ތިބި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުން ދޫކޮށްލުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކައުންސިލްތަކަށް އަންގައިފިއެވެ.

އެޗްޕީއޭއިން މިގޮތަށް ކައުންސިލަތްކަށް އަންގާފައިވަނީ ޖޫން 29، 2021 ވަނަ ދުވަހު އެޗްޕީއޭއިން އެންގި އެންގުމުގެ ދަށުން ޖުލައި 1، 2021 ވަނަ ދުވަހުން ފެށިގެން ބަލިޖެހި ރަނގަޅުވެފައިވާ މީހުން ކަރަންޓީނާ ނުލާ ދަތުރުކުރެވޭ އުސޫލުގެ ދަށުންނެވެ.

އަދި ކުރިން ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހަކަށް އަލުން ބަލި ޖެހުމުގެ ފުރުސަތު އޮންނަ ގޮތާމެދު ހޯދިފައިވާ ފަހުގެ މައުލޫމާތައް ބަލައި ކުރިން ކަނޑައަޅާފައި އޮތް 90 ދުވަހުގެ މުއްދަތު 60 ދުވަހަށް މިހާރު ކުޑަކޮށްފައި ވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެގޮތުން ސާމްޕަލް ނެގި ދުވަހުން ފެށިގެން 60 ދުވަސް ހަމަނުވާ، މިހާރު ރަށްރަށަށް ގޮސް ކަރަންޓީނުގައި ތިބި ފަރާތްތަކުން ދޫކޮށްލުން އެންމެ ރަނގަޅުކަމުގައި އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި 60 ދުވަސް ހަމަނުވާ ފަރާތްތައް ކަރަންޓީނުން ދޫކޮށްލުމުގެ މަސައްކަތް އެރަށެއްގެ ސިޓީ އަދި ރަށު ކައުންސިލުގެ ފަރާތުން ނުވަތަ ރަށުގައި ގާއިމް ކޮށްފައިވާ ކޮވިޑް ޓާސްކްފޯސް އިން ކުރިޔަށް ގެންދާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން ކަރަންޓީނު ނުވެ ދަތުރު ކުރުން ހުއްޓުމަކަށް ގެނެސްފައި ވަނީ އޭޕްރިލް މަހުއެވެ. އަދި މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގައި ބަލި ފެތުރެން ފެށުމާއެކު އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައިވެސް ފިޔަވަޅުތަކެއް އަޅާ މި ފިޔަވަޅުތަކަށް ލުއިތައް ދީފައި ވަނީ ޖޫން 29، 2021 ވަނަ ދުވަހުއެވެ. މާލެ ސަރަހައްދުންނާ އަތޮޅުތެރެއިން ބަލި ޖެހޭ މީހުންގެ އަދަދު މިހާރު އަންނަނީ މަދުވަމުންނެވެ. އެގޮތުން އިއްޔެ އަތޮޅުތެރެއިން 72 މީހުންނާއި މާލެ ސަރަހައްދުން 43 މީހުންނާއެކު 133 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.