2012 ވަނަ އަހަރު މާލޭގައި މުނީރުލް އިސްލާމް ކިޔާ ބަންގަލަދޭޝްގެ މީހަކު ނިދާފައި އޮއްވައި އޭނާގެ ކަރަށް ވަޅި ހަރައި މަރާލި މައްސަލައިގައި ދައުވާކުރި އެ ގައުމުގެ ކަމަރުލް އިސްލާމް އުމުރަށް ޖަލަށްލައި، މަރުގެ ދިޔަ ދޭން ހައި ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ކަމަރުލް އިސްލާމް މުނީރު މަރާލީ މުނީރު މޭވާކާން ގެންގުޅޭ ވަޅިން ކަރަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވަޅި ހަރައެވެ. އެހާދިސާ ހިނގާފައި ވަނީ ނޮވެމްބަރު 26، 2012 ވަނަ އަހަރުއެވެ.

ކަމަރުލް އިސްލާމް މުނީރު މަރާލީ އޭނާއާ އާއިލީ ގޮތުން ގުޅުން ހުރި މީހަކު ގިނަ އަދަދެއްގެ ފައިސާ އާއި ރަނގަޅު ވަޒީފާއެއް ދޭނެ ކަމަށް ބުނެގެން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓު ކޮށަފައެވެ.

އެ މައްސަލައިގެ ތަހުގީގު މަރުހަލާގައި ކަމަރުލް އިސްލާމް ކުށަށް އިއުތިރާފުވެ މުނީރު މަރާލި ގޮތް ކިޔައިދީފައިވެ އެވެ. ފުލުހުން ކަމަރުލް އިސްލާމް ގޮވައިގެން ޓީޖެޓީ ސަރަހައްދަށް ދިއުމުން އޭނާ ވަނީ މުނީރު މަރާލަން ބޭނުން ކުރި ވަޅި އާއި ލައިގެން ހުރި ޓީޝާޓު ދަށްކާފައެވެ. ނަމަވެސް އޭނާ ކުރިމިނަލް ކޯޓުގައި ބުނެފައި ވަނީ އިއުތިރާފުވީ، އަނިޔާކޮށްގެން ކަމަށެވެ.

އޭނާގެ މައްޗަށް ކުރި ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން 2018 ވަނަ އަހަރު ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އިސްތިއުނާފު މައްސަލަ ނިމެންދެން ކަމަރުލް އިސްލާމް ބަންދުކުރަން ހައި ކޯޓުން ހުކުމްކޮށްފައި ވުމުން އޭނާ އަދިވެސް ހުރީ ބަންދުގައެވެ.

ހައި ކޯޓުގައި މިއަދު އެ މައްސަލައިގައި އިއްވި ހުކުމުގައި ވަނީ ރައުޔު ތަފާތުވެފައެވެ. މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސެއިން މަޒީދާއި މުހައްމަދު ނިޔާޒުގެ ރައުޔަކަށް ވީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެއާ ހިލާފުވީ ފަނޑިޔާރު މުހައްމަދު ސަމީރުގެ ރައުޔެވެ.

މުނީރުލް އިސްލާމްގެ ވާރިސުންގެ ގޮތުގައި ތިބި އޭނާގެ މަންމަ އާއި ބައްޕަ އަދި ހުވަފަތް ވެފައިވާ އަނބިމީހާ އެދިފައި ވަނީ މަރުގެ އަަދަބުގެ އިތުރުން މަރުގެ ގެއްލުމުގެ ބަދަލު ލިބިގަތުމަށެވެ. ނަމަވެސް، އެ ދެ ކަންތައް އެއްފަހަރާ ކުރެވޭނެ ޝަރުއީ ހަމައެއް ނެތް ކަމަށް ރައުޔުގައި ވެއެވެ.

އެހެންވެ، މަރުގެ ހުކުމް އިއްވުމުގެ ބަދަލުގައި މަރުގެ ދިޔަ ނެގުމަށް ހުކުމް ކުރެއްވިއެވެ. އަދި މަރުގެ ދިޔައިގެ ގޮތުގައި ނަގައިދީފައި ވަނީ 133،333.33 ރުފިޔާއެވެ. އެ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް އަންގާފައި ވެއެވެ.

އޭގެ އިތުރުން، ތައުޒީރީ އަދަބެއްގެ ގޮތުގައި، 25 އަހަރަށް އޭނާ ޖަލަށް ލާން ހުކުމް ކުރިއެވެ. އަދި ކުށުގެ ފާފައިގެ ކައްފާރާއެއްގެ ގޮތުުން ޖެހިޖެހިގެން ދެ މަހު ރޯދަ ހިފަން ނަސޭހަތް ދިނެވެ.