އއ. މަތިވެރީގެ ފެނުގެ ނިޒާމް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީ އިން ކުރިޔަށް ގެންދާ މަތިވެރި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ކުރަމުންދާ މަސައްކަތަކީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރަތްކުރާ ފެސިލިޓީ ބިލްޑިން އިމާރަތް ކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި މި މަސައްކަތަށް ބޭނުންވާ ހޮޅިއާ އެހެނިހެން ތަކެތިވެސް އެރަށަށް ގެންގޮސްފައިވާ ކަމަށްވެސް އެމްޑަބްލިޔުއެސްސީ އިން ބުނެއެވެ.

މި މަޝްރޫއުގައި މަތިވެރީގައި 6.86 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާ ކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. މީގެއިތުރުން ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ ކަމަށް ވެސް އެމްޑަބްލިޔުއެސްސީ އިން ބުނެއެވެ.

މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. 38.8 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމުމަށް ދީފައިވާ މުއްދަތަކީ 450 ދުވަހެވެ. އަދި މި މަޝްރޫއު ނިމުމުން މަތިވެރީގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެން ލިބޭނެއެވެ.