ދޮން ދަރިއަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވެ އުމުރުން 52 އަހަރުގެ ފިރިހެނަކަށް 32 އަހަރަށް ޖަލު ހުކުމެއް ކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުވައްމުލަކު ސިޓީގައި ދޮންދަރިއަކަށް ޖިންސީ ގޯނާ ކުރި އުމުރުން 52 އަހަރުގެ މީހަކަށް ޖިންސީ ކުށްތަކުގެ 4 ދައުވާ އެއް ސާބިތުވެފައިވާ ކަމަށެވެ.
އެމީހާގެ މައްޗަށް އުފުލި ހަތަރު ދައުވާ:
- ގާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، މީހަކު، ކުޑަކުއްޖަކަށް އެމީހެއްގެ ޖިންސީ ގުނަވަނެއްކަމަށް ބެލެވޭ އެއްވެސް ތަނެއް ދެއްކުމުގެ ކުށުގެ ދައުވާ.
- ގާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ ކުށުގެ ދައުވާ.
- ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު)ގެ 622 ވަނަ މާއްދާގެ (ހ)ގެ 7 ވަނަ ނަންބަރާއި ހަވާލާދީ އެމާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ.
- ގާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ.
އެ ހަތަރު ދައުވާ އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެން 32 އަހަރާއި އެއް މަހާއި 27 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވިގޮތުގައި އެކުއްޖާއަށް ޖިންސީ އަނިޔާ ކޮށްފައިވަނީ މޭއި 2019 އިން ޖުލައި 2020 އާއި ދެމެދުގައި ކަމަށެވެ. އަދި އެ މީހާ ހައްޔަރު ކޮށްފައިވަނީ ޖުލައި 2020 ގައި ކަމަށާއި ދައުވާ އުފުލާފައިވަނީ އޯގަސްޓް 2020 ގައި ކަމަށް ޝަމީމް ވިދާޅުވިއެވެ.