އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އެ ކޮމިޝަނުން އަންގައިފިއެވެ.

ނިމާލް އެ ކޮމިޝަނަށް ހާޒިރުވާން އަންގާ ފޮނުވި ޗިޓުގައި ވަނީ މާދަމާ ހެނދުނު 11:30 އަށް އެ ކޮމިޝަނަށް ހާޒިރު ވުމަށެވެ.

"ދަ ޕްރެސް" މިކަން ކަށަވަރު ކޮށްދެއްވަމުން ނިމާލް ވިދާޅުވީ، ލަފާ ކުރެއްވޭ ގޮތުން އެއީ ޔުޓިލިޓީ ކުންފުނިތަކުން ފެނަކަ ކޯޕްރޭޝަނަށް ބަދަލު ކުރުމުގެ މަސައްކަތްތައް ކުރިއަށް ދިޔައިރު، މީގެ 8 އަހަރު ކުރިން ހިނގާފައިވާ މައްސަލައެއް ކަމަށެވެ. ނިމާލް އޭރު ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށެވެ.

ނިމާލަށް އޭސީސީން ފޮނުވި އެންގުމުގައި ވަނީ ބ. އޭދަފުށީ އިންޖީނުގެއަށް އެއްވެސް އިއުލާނެއް ނުކޮށް ކޮރަޕްޝަންގެ ތެރެއިން މުވައްޒަފުން އިތުރު ކުރި މައްސަލައެއް ކަމަށެވެ.

"ބ.އޭދަފުށި އަދި ބ.އަތޮޅަކު ވެސް ނުހުންނާނެ އަޅުގަނޑުގެ އާއިލީ މީހެއް ނުވަތަ ދުރުތާ ތިމާގެ މީހެއްވެސް ވަޒީފާ ދިނަސް ދީފައި ވާނީ ކޮންމެވެސް ނިކަަމެއްޗެއްގެ ދަރިއަކަށް"
ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް

މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ނަމަ އެ މައްސަލަ ބަލަން ހާޒިރު ކުރުމަކީ އޭސީސީ ގެ ޒިންމާއެއް ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.