ދެކުނުގެ ރަށެއްގައި 8 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރުކުރި ބިދޭސީ މީހާ ޝަރީއަތް ނިންމެންދެން ބަންދުކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ އެމީހާ ކޯޓަށް ހާޒިރު ކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. އަދި މިހާރު މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ސައުތް ޕޮލިސް ޑިވިޝަން (ޏ، އަދި ސ އަތޮޅު) ގައި ހިމެނޭ ރަށެއްގައި 8 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

ފުލުހުން ދަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ. ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކުގައި ކުއްޖާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.