ރައްޔިތުން މަޖިލީހުގެ ތެރޭގައި ބުލީ ކުރުމާ މޫނަށް ކުޅުޖެހުމާ ލައްކަ ކަންތައް ދިމާވެއްޖެކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ބުލީ ކުރުމަކީ ސްކޫލުތަކުގައި އެކަނި ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ސްކޫލުގަ ބުލީކުރުމާ ކުރިމަތިލާން ޖެހިފައިނުވާ ކަމަށާ، އެހެން ނަމަވެސް ރައްޔިތުން މަޖިލީހުގައި ބުލީކުރުމާ މޫނަށް ކުޅުޖެހުން ފަދަ ލައްކަ ކަންތައްތަކާ ދިމާވެއްޖެ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އިދިކޮޅުންނާއި އެއްކޮޅުންވެސް އޭނާއަށް ބުލީ ކުރަމުން އަންނަ ކަމަށެވެ. އަދި ބަސްބުނަން ކެރޭތީ އަދި ބުނަންޖެހޭ ތާކު ބުނާތީ، އެޅިހާ ބަތަކަށް ރިހައިގެ އުސޫލު ނުގެންގުޅޭތީ އެއީ ސިޔާސީ ގޮތުން "ދޮން މަންމަ" ކިޔަންޖެހޭ ވަރުގެ ކަމަކަށް ވަންޏާ އެކަން ތައުރީފެއްގެ ގޮތުގައި ބަލައިގަންނާނެކަމަށް ރޮޒައިނާގެ ޓުވީޓުގައި ވެއެވެ.

ސިޔާސީ ދާއިރާއަށް ނުކުތީ އެއްވެސް މީހަކު ކިޔާ އެއްޗަކަށް އާއެކޭ ކިޔާކަށް ނޫން. އަދި ބުލީ ކުރާ މީހުން ދެކެ ބިރުން އަޅުގަނޑަށް ގަބޫލު ނުކުރެވޭ ކަމެއް އެންޑޯސް ކޮށްފަ ވާހަކަ ދައްކާކަށް ވެސް ނޫން. އެއްބަސް ވެވޭނީ ގަބޫލު ކުރެވުނީމަ. އޭރުން އެކަމައިގެން އުޅޭނަން.
ރޮޒައިނާ އާދަމް

ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެންބަރުންނާ ކައުންސިލް މެންބަރުންނާ ލީޑާޝިޕްގަ ތިއްބަވާ ބޭފުޅުން ބުލީކުރަން އުޅުމަކީ ވަރަށް ދެރަވަރުކަމެއްކަމަށް ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ ހާއްސަކޮށް ސިޔާސީ ދާއިރާގައި އުޅޭ މަދު އަންހެނުންނަށް އަމާޒުކޮށްގެން ބުލީކުރާކަމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން 18 ވަނަ ރައްޔިތުން މަޖިލީހުގައި ބަހުސް ކުރަމުން ގެެންދަވަނިކޮށް ރޮޒައިނާ ނިހާންގެ ކުރިމަތީ ހަޅޭއްލަވަމުން ގެންދިޔަ ވަގުތު ނިހާން އަނގަޔަށް ފެން އެޅުމަށްފަހު ރޮޒައިނާގެ ގަޔަށް ފެން ޖެހި މައްސަލައެއްވެސް ވަނީ އޭރު ވަރަށް ހޫނުވެފައެވެ.

ރޮޒައިނާ ސިޔާސީ ހަޔާތް ފަށައިފައިވަނީ ޑީއާރުޕީއިން ނެވެ. 2013 ގެ އިންތިހާބަށްފަހު އެމްޑީޕީއާ ގުޅިވަޑައިގެން މިއަދާ ހަމައަށްވެސް ހުންނެވީ އެމްޑީޕީގައެވެ.