ދެކުނުގެ ރަށެއްގައި 8 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެންމަތިވި މި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފައި ވާ ކަމަށާ، މި ބިދޭސީ މީހާ 24 ގަޑިއިރަށް ބަންދު ކުރުމަށް އިއްޔެ ކޯޓުން ވަގުތީ އަމުރެއް ނެރެފައި ވާކަމަށް "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. އަދި މިހާރު މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ސައުތް ޕޮލިސް ޑިވިޝަން (ޏ، އަދި ސ އަތޮޅު) ގައި ހިމެނޭ ރަށެއްގައި 8 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

ފުލުހުން ދަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ. ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކުގައި ކުއްޖާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.