241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމަންޓްރީ އިންކުއަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވާފައިވާ ހާއްސަ މަންދޫބު އައްބާސް ފާއިޒާ 241 ކޮމިޓީން ބައްދަލުކޮށްފިއެވެ.

އައްބާސް ފާއިޒަކީ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ކުރިޔަށްދާ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން މިދިޔަ މެއި މަހުގެ ތެރޭގައި އައްޔަން ކުރައްވާފައި ރައީސް ނަޝީދުގެ ގާތް ބޭފުޅެކެވެ.

އައްބާސް ފާއިޒަކީ ގިނަ ދުވަސްތަކެއް ވާންދެން އެމްނެސްޓީ އިންޓަނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާއީ، ސަގާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ބޭފުޅެކެވެ.

އަދި، މި މައްސަލައިގައި އިންސާފު ގާއި މުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރު ކުރައްވަން ޖެހޭ އެންމެހާ ރިޕޯޓެއް ވެސް އޭނާ ތައްޔާރު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުގައި މަސައްކަތް ކުރައްވާ އައްބާސް ފާއިޒް މިހާރުން ފެށިގެން މި ހަމަލާއާ ގުޅޭ އެންމެހާ ތަހުގީގެއް ނިމި ތުހުމަތު ކުރެވޭ މީހުނާ މެދު ޝަރީއަތް ކުރެވި، ނިހާއީ ހުކުމަކާ ހަމަޔަށް ވާސިލް ވަންދެން މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ 241 ކޮމިޓީން އައްބާސް ފާއިޒާ މިއަދު ބައްދަލުކޮށްފައި ވަނީ އޮންލައިންކޮށެވެ.

އިންކުއަރީއަށް ބޭނުންވާ މައުލޫމާތުތައް ހޯދައި، ރިޕޯޓު އެކުލަވާލުމަށް ފަހު އަންނަ ހަފްތާގައި އާންމު ކުރާނެ ކަމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން އިއްޔެ ވަނީ ބުނެފައެވެ.