އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީން) އޭނާ އާ މެދު އަމަކު ކުރާ ގޮޮތާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވާ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު އޭސީސީގެ ރައީސް މަރިޔަމް ޝިއުނާގެ އިސްތިއުފާއަށް ގޮވާލައްވައިފިއެވެ.

މަހުލޫފު ޝިއުނާގެ އިސްތިއުފާ އަށް ގޮވައިލައްވާފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މަހުލޫފުވެސް ބައިވެރިވެވަޑައިގެންފައި ވާކަމަށް ތުހުމަތު ކޮށް މަހުލޫފުގެ މައްޗަށް ދައުވާކޮށްދޭން ޕީޖީގައި އެދުމުން ޕީޖީ އިން މައްސަލަ އަނބުރާ އޭސީސީ އަށް ފޮނުވާލައިފައި ވާކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައި ވަނިކޮށެވެ.

މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވަނީ "އޭނާ އަކީ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން" ކަމަށާ، ކަންކަން ކުރަން އެނގިވަޑައިނުގަންނަވާ ކަމަށް ވާނަމަ އިސްތިއުފާ ދެއްވުން މާ ރަނގަޅު ކަމަށެވެ.

މަހުލޫފުގެ މައްސަލަ ޕީޖީ އިން އޭސީސީ އަށް ފޮނުވާލީތޯ ޕީޖީގެ މީޑީއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއުއާ "ދަ ޕްރެސް" އިން ސުވާލު ކުރުމުން ޝަފީއު ވަނީ އެކަން ދޮގު ކުރައްވާފައެވެ.

މައްސަލަ މި އޮފީހުގައި ބާއްވާފައި ކުރިން ވެސް އިސްލާހު ކުރުމަށް ދެންނެވި ބައެއް ކަންކަން އިސްލާހުކުރުމަށް ދެންނެވީ. އަދި އިތުރު ބައެއް ލިޔުންތައް ބޭނުންވާތީ ހުށަހެޅުމަށް ދެންނެވީ
އަހުމަދު ޝަފީއު

އަވަސްގެ ހަބަރެއް ޝެއާކުރައްވަމުން މަހުލޫފު ކުރެއްވި ޓްވީޓުގައި ވަނީ މައްސަލަ ފޮނުވަމުން އޭސީސީން ބޮޑު ބަޔާނެއް ނެރިފައި އަނބުރާ ފޮނުވާލީމައި ތިބެނީ ހަނު ކަމަށެވެ. އަދި ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ނުކޮށް މި (މައްސަލަ) ކުޅޭ ކުޅިވަރަކަށް ނުހެދޭނެ ކަމަށްވެސް މަހުލޫފު ކުރެއްވި ޓއވީޓުގައި ވެއެވެ.

މަހްލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

  • އަދީބު ކިބައިން ރިޝްވަތުގެ ގޮތުގައި ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަހުގީގަށް ލިބިފައިވާ ހެއްކާއި ގާރީނާއިން އެނގެން އޮތުމުން، ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނު ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުވާ ކުރުމަށް،
  • ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާތީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 521 ވަނަ މާއްދާ ގެ (ހ) އަދި (ށ) ގެ ދަށުން ދައުވާ ކުރުމަށް.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑަރިންގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަންނަނީ ގުޅިގެން ތަހުގީގެއް ކުރަމުންނެވެ. އޭސީސީން ބުނީ، އެ ތަހުގީގަށް ކުށްކޮށްގެން ހޯދާފައިވާ ފައިސާ ގ.ހާފްސީ/ މާލެ، އަހްމަދު މަހުލޫފަށް ލިބިފައިވާ ކަމަށް ފާހަގަ ކުރެވޭކަމަށެވެ.