މީހުންނަށް އަޑުނީވޭ ތަންތަނުގައި ރައީސަށް ޕްރެޝާ ކޮށްގެން މަޖިލީހުން ބިލްތައް ނަގަން ނޫޅުއްވުމަށް މަންދު ކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބްރާ) ގޮވާލައްވައިފިއެވެ.

އިބްރާ މި މޭރުމުން ވިދާޅުވެފައި ވަނީ ރާއްޖޭގެ މަޝްހޫރު ދީނީ އިމްލުވެރިން ކަމަށްވާ ޑރ. އިޔާޒް އާ އަލީ ޒައިދް އަދި ސަލަފް އާއި އަދާލަތު ޓެގު ކުރައްވާ ކުރެއްވި ޓުވީޓެއްގައެވެ.

އިބްރާ ވިދާޅުވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން މަޖިލީހަށް ހުށަހަޅުއްވާފައިވާ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް ރަނގަޅު ކަމަށެވެ. އަދި އިޔާޒް އަދި ޒައިދު އަށް ކެރިވަޑައިގަންނަވާނަމަ ޓީވީ އަށް އަރާ ބަހުސްކޮށްލައްވަން ދައުވަތު އަރުއްވާ ކަމަށާ ނޫނީ ތިކަން ހުއްޓާލެއްވުމަށް ގޮވާލާ ކަމަށް ވެސް އިބްރާ ވިދާޅުވިއެވެ.

ރައީސް އޮފީސް ޓެގު ކުރައްވާ އިބްރާ ކުރައްވާފައިވާ އެހެން ޓުވީޓެއްގައި ވަނީ ރާއްޖޭގައި ތިބީ 101 ދީނީ އިލްމުވެރިން ނޫން ކަމަށާ، މީހަކާ ދިމާލަށް ކާފަރެކޭ ނުގޮވޭނެކަމަށާ އަދި ކާފަރެކޭ ގޮވާނަމަ އެކަން ދައުލަތުން ހުއްޓުވަންޖެހޭނެ ކަމަށެވެ.

އެހެން މީހުންވެސް އުޅެންޖެހޭނެ ކަމަށާ ރައީސް މިފަހަރު ވާނީ "ޗޫސް" ކުރައްވަން ކަމަށްވެސް އިބްރާ ވަނީ ވިދާޅުވެފައެވެ.

އިބްރާ ވަނީ ރާއްޖޭގެ އިލްމުވެރިންނަށް ބިލް އަނބުރާ ގެންދިއުމާ ބެހޭގޮތުން އޭނައާއެކު "މުނާގަސާ" ކޮށްލަން ކެރޭނެތޯ ސުވާލުކުރައްވާފައެވެ.

ރާއްޖޭގެ 101 ދީނީ އިލްމުވެރިއަކު ސޮއިކުރައްވާ ނަފުރަތުގެ ބިލް މަޖިލީހުން ބޭކޮށްލުމަށް ވަނީ ރައީސަށް ޕެޓިޝަނެއް ހުށައަޅުއްވާފައެވެ.

ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުން ހިމެނެއެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ނަފްރަތު އުފެއްދުމުގެ ކުށެއް ގޮތުގައި އިތުރަށް ހިމަނާފައި ވަނީ މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުމާއި ސިޔާސީ ވިސްނުމަށް ބަލައި، އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ އެކަމަށް ރޭވުމެވެ. އޭގެ އިތުރުން މީހެއްގެ ނަސްލަށް، ގައުމަށް ނުވަތަ ކުލަޔަށް ބަލައި އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދޭން ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.