ޝަރުއީ ކޯޓު ތަކުގައި މި ސަރުކާރުގެ ނުފޫޒު އިންތިހާއަށް އެބައޮތް ކަމަށް ވިދާޅުވެ އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް، އަދި މަންދު ކޮލެޖުގެ ބާނީ އިބްރާހިމް އިސްމާއިލް (އިބްރާ) އެމްޑީޕީން އިސްތިއުފާ ދެއްވައިފިއެވެ.
މިހާރު އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސްން ފައްޔާޒު އިސްމާއީލްގެ ބޭބެ އިބުރާ، އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ 2018 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ހަވާލުކޮށް އަދި ޖެހިގެން އައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭ ވަރަށް ގޮނޑިތައް ރައްޔިތުން ދިނީ އަދުލްއިންސާފަށް ހުރި ހުރަސްތައް ނައްތާލައި، ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދޭނެ ސަރުކާރެއް ގާއިމު ކުރުމަށް ނަމަވެސް ފާއިތުވި ފަސް އަހަރު އެ މަންޒަރު ފެންނަމުން ނުދާ ކަމަށެވެ.
މި ސަރުކާރުގައި ޝަރުއީ ކޯޓު ތަކަކީ ޕާޓީގެ ހަރު މުދާ ކަމަށް ސިފަ ކުރައްވަމުން އިބްރާ ވިދާޅުވީ، މިއަދު ސިވިލް ކޯޓަކީ ބަންޑާރަނައިބު އޮފީހުގެ ސެކްޝަނަކަށް ޕާޓީން ބަދަލުކޮށްފި ކަމަށާއި އަދި ހައިކޯޓު ހިނގަމުން ދަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް ސެކްޝަންގެ ބެލުމުގެ ދަށުން ކަމަށެވެ. ދައުލަތުގެ ވަޒީރުން ތަކުރާރުކޮށް ރައްޔިތުންގެ ހައްގުތައް ހިފަހައްޓަމުން ދިޔަ ނަމަވެސް އެކަންކަން ދިފާއު ކުރައްވަނީ ބަންޑާރަނައިބު ކަމަށާއި، ޝަރުއީ ނިޒާމުގެ ތެރޭގައި ރައްޔިތުންގެ ހައްގުތައް ތާށިކޮށް ޖެއްސުން ކުރުމުގެ އަމަލުތައް ހިންގަމުން ގެންދަނީ ދައުލަތުގެ ވަކީލުން ކަމަށްވެސް އެ ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.
އިތުރަށް އިބްރާ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރު މިއަދު ހިންގަނީ ދައުލަތުގެ މުދަލާއި ފައިސާއަކީ ރައީސުލްޖުމްހޫރިއްޔާގެ ވެރިކަން ދެމެހެއްޓުމަށް ހޭދަކުރާން ހުރި އެއްޗެހި ކަމުގައި ދެކިގެން ކަމަށާއި ހެޔޮނިޔަތުގައި ކަމެއް ރަނގަޅު ކުރަން ބަސް ބުނާ މީހުންގެ މައްޗަށް އަނިޔާވެރި ވެގެން ކަމަށެވެ. 2015 ވަނަ އަަހަރު އިބްރާގެ މުދާ ފޭރިގަތް ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުން މައްސަލަ އިސްތިއުނާފް ކުރިތާ 3 އަހަަރަށް ވުރެ ގިނަ ދުވަސް ވި ނަމަވެސް މިހާތަނަށް ހުދު އޭނާއަށްވެސް އިންސާފު ލިބިވަޑައިގެންފައި ނުވާ ކަމަށް އިބްރާ ވަނީ ވިދާޅުވެފައެވެ.
ސިޔާސީ ޕާޓީއެއްގައި އޭނާ ބައިވެރި ވެވަޑައިގަތީ އަމިއްލަ ޒާތީ ކަންތައްތަކެއް ފުއްދަން ނޫން ކަމަށާއި އޭނާ ޕާޓީއެއްގައި ބައިވެރި ވެވަޑައިގަތީ ހަމަތަކަކާއި އުސޫލުތަކެއް ގައުމުގައި ހިންގުމަށް ބަސްބުނެ މަގުފަހި ކުރުމަށް ކަމުގައި އިބުރާ ވިދާޅުވިއެވެ.
އަމިއްލަ ނަފްސު ގަބޫލު ނުކުރާ އުސޫލުތަކެއް ހިންގާ ބަސް ނުވިކޭ، އަގުވަޒަން ނުކުރެވޭ ތަނެއްގައި އަނިޔާވެރި ކަމަށް ނަސްރުދޭން ހުރުމަކީ ޟަމީރަށް އުނދަގޫވާ ކަމެއް ކަމަށާއި މިއަދު އެމްޑީޕީން ކަންކުރަމުންދާ ގޮތާ ދެކޮޅަށް ކުރެވެން އޮތް ކަމަކީ އެކަންކަމާ ބައިވެރި ނުވުން ކަމަށް އިބުރާގެ އިސްތިއުފާ ސިޓީގައި ވެއެވެ.