އެމްޑީޕީގެ ޕޯޑިއަމް ވަކި ބަޔަކަށް ނުދިނުމަކީ އެ ޕާޓީގައި އާ ކަމެއް ނޫން ކަމަށާއި، އެއީ އެ ޕާޓީގެ ތެރޭގައި މާ ކުރީއްސުރެ ހިނގަމުން އަންނަ ކަމެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އިބްރާހީމް އިސްމާއީލް (އިބްރާ) ފާޑު ވިދާޅުވެއްޖެއެވެ.

އިބުރާ މިފަދައިން ވިދާޅުވެފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ތިން އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ސިޓީތަކުންނާއި ބައެއް ރަށްރަށުން ލިބުނު ކާމިޔާބީ ފާހަގަ ކުރަން މިރޭ ކުރިއަށްދާ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ވާހަކަ ދައްކަވަން ފުރުސަތު ނުދިނުމުން އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ އިސް ސަފުގައި މީގެ ކުރިން ހަރަކާތްތެރިވެފައިވާ އިބްރާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ޕޯޑިއަމްގައި އޭނާ ހުންނަވަނިކޮށް އެއްރޭ އޮއްގާ އުކި ކަމަށާއި، އަދި އަނެއް ރޭ މައިކް ކަނޑާލި ކަމަށެވެ. މިފަދަ ހާދިސާތަކެއް ކުރިމަތިވި ނަމަވެސް، އޭނާ ޕާޓީން ވަކިވީ ޕޯޑިއަމް ނުދީ ހުންނަތާ 12 އަހަރު ވީފަހުން ކަމަށް އިބްރާ ފާހަގަކުރެއްވިއެވެ.

"އެއީ ދެން އެހައި ކަމެއް ނޫން. އެކި އިރު އަޅާނީ އެކި އޮއި،" އެމްޑީޕީގެ ތެރޭގައި ހިނގަމުންދާ ސިޔާސީ އޮއިވަރަށް އިޝާރާތް ކުރައްވައި އިބްރާ ވިދާޅުވިއެވެ. ޕާޓީގެ އެތެރޭގެ ކަންކަމާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވީ، ޕާޓީގެ ކަންކަމުގައި ގޮތް ނިންމާނީ ޕާޓީގެ މެންބަރުން ކަމަށެވެ.

މިރޭގެ ޖަލްސާގައި ނަޝީދު ވާހަކަފުޅުދެއްކެވުމަށް ފުރުސަތު ނުދެއްވުމުގެ ސަބަބުން، އެ ޕާޓީގެ އެތެރެ ހޫނުވެފައިވާއިރު ގިނަ ބަޔަކު ދަނީ ޕާޓީގެ ލީޑާޝިޕުން އަމަލު ކުރަމުންދާ ގޮތާއިމެދު ނުރުހުން ފާޅުކުރަމުންނެވެ. އެއާއެކު މިރޭގެ ޖަލްސާގައި ނަޝީދު އާއި ފައްޔާޒް ވެސް ބައިވެރިވެވަޑައިގެންފައި ނުވެއެވެ.

އިބްރާއަކީ އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި، އަދި ޕާޓީގެ ފުރަތަމަ ޗެއާޕާސަންގެ މަގާމު ފުރުއްވި ބޭފުޅެއްވެސް މެއެވެ. ނަމަވެސް، ފަހުން އޭނާ ވަނީ ޕާޓީގެ ލީޑާޝިޕާ އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން 2023 ވަނަ އަހަރު ޕާޓީން ވަކިވެވަޑައިގެންފައެވެ. އިސްތިއުފާގެ ސިޓީގައި އިބްރާ ވަނީ އެމްޑީޕީއަކީ އެޕާޓީއަކަށްޓަކައި އިބްރާ ވަރަށް ބުރަ މަސައްކަތާއި ވަރަށް ގުރުބާނީވީ ޕާޓީއެއްކަމަށާއި އެހެނަސް މިއަދު އެއީ އިބްރާއަށް ތާއީދު ކުރެވެން ނެތް ކަމަށް ވިދާޅުވެފައެވެ.

އެއަށްފަހު އިބްރާ އުޅުއްވަމުންދަނީ ސިޔާސީ ހަރަކާތްތަކާ ދުރުގައެވެ. ނަމަވެސް އޭނާގެ ކޮއްކޯފުޅު، ފައްޔާޒް ދަނީ އަދިވެސް އެމްޑީޕީ ހިންގުމުގައި އާއި ޕާޓީގެ އެކި ކަންކަމުގައި ހަރަކާތްތެރިވަމުންނެވެ.