ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދުދެއްވައި، ގާތްކަމުން ކުރާ އިތުބާރަށް ސިޔާސީ މައިދާނުގައި މާ ބޮޑު ޖާގައެއް ނޯއްނަ ކަމަށް މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެއެވެ.

އިބުރާ މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ދިމާކޮށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ތާއީދު ކުރައްވާކަން އެންވާރަމަންޓް މިނިސްޓަރު އަދި ނަޝީދާ ގާތް ގުޅުމެއް ބާއްވަވާ، އައިމިނަތު ޝައުނާ ހާމަ ކުރެއްވުމާ ގުޅިގެން ނަޝީދު އޭނާއަށް ފާޑުވިދާޅުވެފައި ވާތީއެވެ.

އެކަމާ ގުޅިގެން އިބުރާ ވިދާޅުވީ ގާތްކަމުން ކުރާ އިތުބާރަށް ސިޔާސީ މައިދާނުގައި މާ ބޮޑު ޖާގަ ނޯއްނަ ކަމަށާއި ނަޝީދު އަދި އެކަން ދަސްކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ތެދުވެރިކަން ބިނާ ކުރަންވީ އެމީހެއްގެ ވިސްނުމާއި އޭގެ ވައްޓަފާޅި އަދި ގަބޫލުކުރާ ގަބޫލުކުރުންތަކުގެ މައްޗަށް ކަން ވިސްނާލަން ޖެހޭ ކަމަށް ވެސް އިބުރާ ވިދާޅުވިއެވެ.

އެއާ ހިލާފަށް ނަޝީދަކީ އަބަދުވެސް އެމަނިކުފާނުގެ އާއިލާއާއި ކްލާސް މޭޓުންނާއި އިތުބާރު ކުރައްވާ އެހެނިހެން މީހުންގެ އެހީ އަމިއްލަފުޅު ބާރު ދެމެހެއްޓުމަށްޓަކައި ބޭނުން ކުރައްވާ ބޭފުޅެއް ކަމަށާއި، އެނގިވަޑައިގަންނަވާންވީ ކަމަކީ "ތަނެއް ތަޅާ ސުންނާފަތި ކުރުމުގެ ތަގާފަތް ނުހިގާނެ" ކަން ކަމަށެވެ.

ޝައުނާއަކީ ރައީސް ނަޝީދުގެ ކޭމްޕްގައި ކުރިން މަސައްކަތް ކުރެއްވި ނަޝީދުގެ ލޯޔަލިސްޓެކެވެ. ނަމަވެސް ޝައުނާ ވަނީ، ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާ ވީޑިއޯ މެސެޖެއްވެސް ދެއްވާފައެވެ. އެ މެސެޖުގައި ޝައުނާ ވިދާޅުވީ ފައްޒާޔަކީ ގިނަ ކަންތައްތަކުގައި ޝައުނާއާ ހިޔާލު ތަފާތުވާ ބޭފުޅެއް ނަމަވެސް ފައްޔާޒު ފާހަގަ ކުރެވެނީ، ކަންކަން ނިންމައި ދޭ އަދި ކޮޅެއްގައި ޖައްސާ ބެފުޅެއްގެ ގޮތުގައި ކަމަށް ޝައުނާ ވިދާޅުވެއެވެ.

ޝައުނާގެ އެވާހަކަތަކާ ގުޅިގެން ނާޝީދު ކޯފާވެވަޑައިގެންފައި ވާއިރު، ނަޝީދު ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ވަރަށް ސާފު ކަމަށާއި، ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކުރައްވައި އެމްޑީޕީ ކިޔުއްވައިދެއްވާން އުޅުއްވާނެ ކަމެއް ނެތް ކަމަށެވެ.