ކޮވިޑް މެޑިކަލް ފެސިލިޓީއަކަށް ބަދަލުކުރި ހުޅުމާލެ ޑިސްޓްރިބިއުޝަން ސެންޓަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވާލައްވައިފިއެވެ.
ކޮވިޑް ބައްޔަށް ފަރުވާ ދިނުމަށް އެތަން މެޑިކަލް ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މިއީ ހުޅުމާލޭގައި ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ހަދާ ދެވަނަ މެޑިކަލް ފެސިލިޓީއެވެ. ދެވަނަ ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައި ވަނީ މި ފަހުން ރާއްޖެއިން ކޮވިޑް ކޭސްތައް ގިނަވެ އެ ބަލީގައި ފަރުވާ ދޭން ޖެހޭ މީހުން އިތުރުވެ ފަރުވާ ދެމުންދާ ފެސިލިޓީތައް ފުރުމާ ގާތްވުމުންނެވެ.
އެ ފެސިލިޓީއަށް މިއަދު ރައީސް ޒިޔާރަތް ކުރެއްވި އިރު، މި މަހުގެ 10 ވަނަ ދުވަހު ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެ ފެސިލިޓީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވަށް އެތަނަށް ޒިޔާރަތް ކުރައްވާފައެވެ.
މީގެ ކުރިން ވަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކުރިމައްޗަށްވާ ގޮތަށް ހުންނަ އިމާރާތް ހުޅުމާލެ މެޑިކަލް ފެސިލިޓީ ގެ ނަމުގައި ހުޅުވާފައެވެ. އެ ފެސިލިޓީގައި އައިސީޔޫއާއި ވެންޓިލޭޓަރު ފަދަ ވަސީލަތް ވަނީ ގާއިމު ކޮށްފައެވެ.
290 އެނދުގެ ޖާގައިގެ އެ ފެސިލިޓީ ނިންމާ އެންމެ ފުރަތަ ކޮވިޑް ބަލި މީހަކަށް ފަރުވާ ދީފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ކުރީކޮޅެވެ. މިހާރު އެ އިމާރާތުގައި 53 މީހަކަށް ގެންދަނީ ފަރުވާ ދެމުންނެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ކޮވިޑް ބައްޔަށް ފަރުވާ ދޭ ފެސިލީޓީތައް ހަދާފައެވެ. އެގޮތުން ބ. އޭދަފުށި، ށ. ފޮނަދޫ، ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަން ފެސިލިޓީ ހިމެނެއެވެ.