ނޯތް ޕޮލިސް ޑިވިޝަން ގައި ހިމެނޭ ރަށެއްގައި ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ ދިވެހި އަންހެން ޓީޗަރު ސަސްޕެންޑް ކޮށްފިއެވެ.

މިހާދިސާ އެންމެ ފުރަތަމަ ރިޕޯޓް ކޮށްފައިވަނީ މިމަހުގެ 09 ވަނަ ދުވަހުއެވެ.

"ދަ ޕްރެސް" އަސް މައުލޫމާތުދެމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ ޓީޗަރު މިހާރުވަނީ ސަސްޕެންޑް ކޮށްފައި ކަމަށެވެ. އަދި މިވަގުތު އެ މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލެއް ހާމަކުރެވެން ނެތްކަމަށް އަހުމަދު އަލީ ވިދާޅުވެފައިވެއެވެ.

އަހުމަދު އަލީ ވިދާޅުވީ މިހާރު މައުލޫމާތު ލިބިފައިވާ ގޮތައް ބަލާއިރު ދަރިވަރަކާ އެކަށީގެން ނުވާ ގޮތަކަށް ޓީޗަރު ވާހަކަ ދައްކާފައިވަނީ އެންމެ ކުއްޖަކާ ކަމަށާ އެ މައްސަލަ ސުކޫލުން ރިޕޯޓް ކުރުމާ ގުޅިގެން ފުލުހުންނަށް ހުށައަޅާއި މައްސަލަ ބަލަމުންދާކަމަށެވެ.

އިދާރީ ތަހުގީގު ހިންގަން ފެށީމަ އިތުރު މައުލޫމާތު ހިއްސާކުރެވޭނީ
ޕީއެސް އަހުމަދު އަލީ

މި ޓީޗަރު ސަސްޕެންޑްކޮށްފައިވަނީ މިފަދަ އަމަލެއް ހިންގުމުން ސިވިލް ސާވިސް ގަވާއިދުގައި ސަސްޕެންޑް ކުރަން ބުނެފައިވާ 30 ދުވަހުގެ މުއްދަތައްށެވެ. އަދި މި މައްސަލާގައި ޓީޗަރަށް އިތުރު ފިޔަވަޅެއް އަޅާނީ ތަހުގީގު ނިމުމުންނެވެ.

ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ ޓީޗަރަކީ 25 އަހަރުގެ މީހެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނެައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ 16 އަހަރުގެ ފިރިހެން ކުއްޖަކަށް އަންހެނަކު ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ޖޫން 09، 2021 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައި ވާކަމަށެވެ. އަދި މި މައްސަލަ ޖެންޑާއާއި ގުޅިގެން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.