ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ދުވަހުން ދުވަހަކަށް ކުރިއަރަމުންދާއިރު އެކަމުގެ އަސަރު އަންނަނީ އަހަރުމެންގެ ޅަ ދަރިންނަށް ވެސް ކުރަމުންނެވެ. އެގޮތުން ކިޔެމުގެ ތެރެއިންނާ އަދި މުނިފޫހި ފިލުވުމުގެ ތެރެއިން ވަރަށް ގިނައިން ފޯން، ޓެބްލެޓް، ލެޕްޓޮޕް އަދި ކޮމްޕިއުޓަރު ފަދަ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުން ކުރެވެއެވެ. އަދި ހާއްސަކޮށް މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އާލަމީ ވަބާގެ ސަބަބުން ގޭގަ ތިބެން ޖެހުމާ އެކު ސްކްރީންތެރޭ ވަގުތު ހޭދަކުރުން މިވަނީ ވަރަށް އާންމު ކަމަކަށް ވެފައެވެ. ގޭމް ކުޅުމާއި ވީޑިއޯ ބެލުމާ ޓިކްޓޮކް ހެދުމައެވެ.
އެހެން ނަމަވެސް މިކަމަކީ ކިހާވަރެއްގެ ނުރައްކާ ހުރި ކަމެއްކަން އެނގެނީ ބައެއް ބެލެނިވެރިންނަށެވެ. ކުޑަކުދިން ސްކްރީންގެ ތެރޭގައި ވަގުތު ހޭދަކުރެވޭނެ ވަކި ލިމިޓެއް ވަނީ ޑޮކްޓަރުން ކަނޑައަޅާފައެވެ. ކުޑަކުދިންގެ ތެރެއިންވެސް އެކި އުމުރު ފުރާތަކަށް ސްކްރީން ތެރޭ ހޭދަކުރެވޭ ވަގުތު ތަފާތުވެގެން ދެއެވެ.
ސްކްރީނަށް ކިހާ ވަގުތެއް؟
- ވީޑިއޯ ޗެޓް ކުރުމުގެ އިތުރަށް 18 މަހުން ދަށުގެ ތުއްތުކުދިންނަށް ސްކްރީން ނުދެއްކުން
- 18 މަހާ 24 ދެމެދުގެ ކުދިންނަށް ބެލެނިވެރިންނާއެކު ކޮންމެވެސް މިންވަރަކަށް އެޑިއުކޭޝަނަލް ޕްރޮގްރާމްތައް ބެލިދާނެ
- 2 އަހަރާ 5 އަހަރާ ދެމެދުގެ ކުދިންނަށް ދުވާލަކު 1 ގަޑިރަށްވުރެ ގިނައިރުވަންދެން ސްކްރީން ނުދެއްކުން
- 6 އަހަރުން މަތީގެ ކުދިންނަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހިތްވަރުދީ ސްކްރީންއާ ދުރުކުރުން
- ކެއުމުގެ ވަގުތުގައި ޓީވީ އަދި ފޯން ފަދަ އިލެކްޓްރޯނިކް ވަސީލަތްތައް ނިއްވާލުން
- ނިދުމުގެ 30 މިނެޓާ 60 މިނެޓު ކުރިން ސްކްރީން ނުދެއްކުން
- 8 އަހަރާ 12 އަހަރާ ދެމެދުގެ ކުދިންނަށް 6-4 ގަޑީރަށްވުރެ އިތުރަށް ސްކްރީން ނުދެއްކުން
- 13 އަހަރުން މައްޗަށް ގިނަވެގެން 9 ގަޑީރަށްވުރެ އިތުރަށް ސްކްރީން ނުދެއްކުން
ގިނަވަގުތު ސްކްރީން ބެލުމަށް ހޭދަކުރާނަމަ ވާނީ ކިހިނެއް؟
ގިނަ ވަގުތު ސްކްރީން ބެލުމުގައި ހޭދަކުރާނަމަ ވަރަށް ބައިވަރު މައްސަލަތައް ކުރިމަތިވެގެން ދެއެވެ. އެގޮތުން ކުދިންގެ ހަރަކާތްތެރިކަން މަދުވުމާ، އެކަމުގެ ސަބަބުން ދުޅަހެޔޮކަން ގެއްލި ފަލަވުމަށް މެދުވެރިވުމާ، ކިޔެވުމާ ދުރުވުމުގެ އިތުރުން ފޮތް ކިޔަން ފޫހިވުމާ، ނަފްސާނީ މައްސަލަ ކުރިމަތިވުމާ އަދި ހަމަ ނިދި ނުލިބުންފަދަ މައްސަލަތައް ކުރިމަތިވެއެވެ. މީގެ އިތުރުން އަބަދުވެސް ގެއްލިފަ ހުރުުމާ އެކުވެރިންނާ އާއިލާއާ ދުރުވުމުގެ އިތުރުން ލޮލުގެ ފެނުމަށްވެސް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
ކުއްޖާ ބަލަނީ އުމުރާ ގުޅޭ އެއްޗެހިތަ؟
ކުއްޖާ ކުޅޭ ގޭމްތަކާ ބަލާ ވީޑިއޯތަކަކީ އެ ކުއްޖެއްގެ އުމުރާ އެންމެ ގުޅޭ އެއްޗެހިތޯ ބަލަން ޖެހެއެވެ. ސޯޝަލް މީޑިއާ ގެތެރެއަށް ނުވަތަ އިންޓަނެޓްގެ ދުނިޔެއަށް ކުއްޖާ ފޮނުވާލާއިރު ސެކއިރުޓީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. ވަރަށް ގިނަ ފަހަރަށް ޔޫޓިއުބް ފަދަ އެޑަލްޓްސް އެޕްތަކަށް ވަނުމަށް ކުއްޖާއަށް ފުރުސަތު ދެވެއެވެ. މީގެ ބަދަލުގައި ކިޑްސް ޔޫޓިއުބް ކުއްޖާއަށް ތައާރަފް ކުރެވިދާނެއެވެ. އަދި ގޭމްތަކުގެ ތެރެއިންވެސް ކިޔެވުމާ ގުޅޭ ގޭމްތައް ތައާރަފް ކުރެވިދާނެއެވެ. މީގެ އިތުރުން ފޯން ދޭއިރު އެޕްލޮކް ކުރުން ފަދަ ކަންކަން ސެކިއުރިޓީ ވަރުގަދަ ކުރުމަށް ކުރެވިދާނެއެވެ.
ސްކްރީން ދެއްކުމުގެ އިތުރުން މި މައްސަލަތައް ހައްލުކުރާނީ ކިހިނެއް؟
ސްކްރީން ބަލާ ވަގުތު ލިމިޓް ކުރަން އެންމެ ރަނގަޅީ އެކަމަށް ރަނގަޅު ޕްލޭން އެއް ތައްޔާރުކޮށް ގަވާއިދެއް ހެދުމެވެ. އެގޮތުން ޓީވީ އަދި ގޭމް ކުޅެވޭނެ ވަކި ވަގުތެއް ކަނޑައެޅުމާ ގޭތެރޭގެ މަސައްކަތްތަކުގައި ބައިވެރިވުމާ ބެލެނިވެރިން ކުދިންނާއެކު ވަގުތު ހޭދަކުރުމާ ފިޒިކަލް އެކްޓިވިޓީސް ތަކުގައި ޝާމިލު ކުރުވުން ހިމެނެއެވެ. އަދި ޓީވީ އަދި ވީޑިއޯ ގޭމް ކުޅުމުގެ ބަދަލުގައި ގޭތެރެއިން ލިބޭ ތަފާތު ތަކެތި ބޭނުންކޮސްގެން އެކުދިން ގަޔާވާނެކަހަލަ ގޭމު އުފެއްދުމާ ކުދިންނާއެކު ބައިވެރިވުމުގެ ސަބަބުން ސްކްރީންއާ ދުރުވެގެން ދެއެވެ. ސްކްރީން ބެލުމުގައި ދުވަހުގެ ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން ގިނަ ސިއްހީ މައްސަލަތަކެއް ކުރިމަތިވާއިރު މިގޮތަށް ހަރަކާތްތެރިވުމަށް ފުރުސަތު ދިނުމުން އެކުދިންގެ ދުޅަހެޔޮކަން އިތުރުވެ ނަފްސާނީ ގޮތުންވެސް ދުޅަހެޔޮވެގެން ދެއެވެ.
ތިރީގައި މި ހިމާނަލީ ގޭގައި ތިބެގެން ގޭތެރެއިން ފަސޭހައިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން، ކުދިންނާއެކު ކުޅެވިދާނެ ކުޅިވަރުތަކެކެވެ.
ސްކްރީންއާ ނުލައި މި ބަންދު ތެރޭގައި ގޭގައި ތިބެގެން ކޮށްލެވޭނެ ކަންތައްތައް ބައިވަރެވެ. މި ކުޅިވަރުތައް ގޭގައި ކުދިން ގިނަ ނަމަ މުބާރާތެއްގެ ގޮތުގައިވެސް ގެންދެވިދާނެއެވެ. އޭރުންވެސް ކުދިންގެ ޝައުގުވެރިކަން އިތުރުވެގެން ދާނެއެވެ. އަދި މި ހިމަނާލެވުނު ކުޅިވަރުތަކުގެ އިތުރުން އެހެން ބައިވަރު ކުޅިވަރުތަކާ ކިޔެވުމާ ދުރުނުކޮށް ކިޔެވުމުގެ ތެރެއިން ކުއްޖާއަށް އެކި ކަންކަންވެސް ދަސްކޮށްދެވިދާނެއެވެ.
މީގެ އިތުރުން މި ބަންދުގެ ތެރޭގައި ރައްކާތެރިކަމާއެކު ސްކްރީން ބެލުމާ ސްކްރީން ބެލޭނެ މިންވަރު ކުއްޖާއަށް ދަސްކޮށްދެވިދާނެއެވެ. މިކަންކަން އެންމެ ފަސޭހައިން ދަސްކޮށްދެވޭނީ ކުއްޖާ އެންމެ ކުޑައިރުއްސުރެ ކުރިޔާލާ ފިޔަވަޅުތަކެއް އަޅައިގެންކަމަށްވީހިންދުވެސް އަދި ވަގުތު ފާއިތެއް ނުވެއެވެ. ކުއްޖާ އެންމެ ފަސޭހައިން ދަސްކުރާނީ އެ ކުއްޖާ އުޅޭ މާހައުލުގެ ތެރެއިން ކަމަށްވާތީ ކުއްޖާ ހުންނަ ވަގުތު ފޯނާ ކުޅުމާ ޓީވީ ބެލުން ފަދަ ކަންކަމުން ދުރުވެ ކުއްޖާއާއެކު ވަގުތު ހޭދަކުރަން ޖެހެއެވެ. ދުޅަހެޔޮ ޖީލެއް ބިނާ ކުރެވޭނީ ބޮޑެތިވަމުން އަންނަ ކުދިން ދުޅަހެޔޮކަންމަތީ ތިބެގެންނެވެ.