މޭ 6، 2021 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ކަރެކްޝަން ސާވިސް އިން ބުނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއާ، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާ ސިފައިން ހިންގަމުންދާ އޮޕަރޭޝަންނާ ގުޅިގެން އެސާވިސްގެ މާލޭ ޖަލާއި މާފުށީ ޖަލުގައި 3 މުވައްސަސާ ގުޅިގެން ހާއްސަ އޮޕަރޭޝަން އެއް ހިނގަމުންދާ ކަމަށެވެ.

ނަމަވެސް އެ އޮޕަރޭޝަނާ ގުޅޭގޮތުން އިތުރު އެއްވެސް ތަފްސީލެއް ކަރެކްޝަންސުން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ފުލުހުން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން ހަތަރު މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައެވެ. އެއީ އަދުހަމް އަހުމަދު ރަޝީދު/ ވ. ތިނަދޫ، ހިޔާ، 25އ އާއި މުޖާޒް އަހްމަދު/ މއ. ފޭރުގެ، 21އ އާއި ތަހުމީން އަހްމަދު/ ގއ. ކޮނޑޭ، ފޮޅޭމާ، 32އ އާއި އަހްމަދު ފާތިހު/ ލ. ގަން، ދުންފިނިއުފާ، 23އ އެވެ. ކަމަށެވެ.

ފުލުހުން އަންނަނީ ނަޝީދަށް ދިން ހަމަލާއާ ހަރުކަށި ފިކުރާ ގުޅުމެއްވޭތޯ ބަލަމުންނެވެ. އެގޮތުން ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު 14 މީހުން ހައްޔަރުކޮށްފައިވާއިރު 9 މީހުން ހައްޔަރުކޮށްފައިވަނީ އައްޑޫގައި ހިންގި އޮޕަރޭޝަންތަކަކުންނެވެ. އަދި މާލެއިން 5 ތަނެއް ފުލުހުން ބަލައި ފާސްކޮށް އެ ތަންތަނުން ހަރުކަށި ފިކުރާ ގުޅޭ ލިޔެކިޔުމާއި ޑިޖިޓަލް ބައެއް އާލަތްތައްވެސް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.