އެހެން ބޭފުޅުން އެމަނިކުފާނަށް ބަހައްޓަވާ ވަފާތެރިކަމާމެދު ރައްޔިތުން މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ރަނގަޅީ ވާހަކަ ނުދެއްކެވިއްޔާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މި ބީދައިން ވިދާޅުވެފައިވަނީ އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެންް މަޖިލީހުން ހިންގާ ތަހުގީގުތަކުގައި ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާނެކަމަށް ދިފެންސް މިނިސްޓްރީން މަޖިލީހަށް އެންގި މައްސަލާގައި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ ހުށަހެޅި މަޖިލީހުގެ އިމްތިޔާޒް ކޮމެޓީން ބޭރުކޮށްލި މައްސަލައިގައި ބިގޭ ގެ އަތެއް އެކަމުގައި އޮތްކަމަށް ކުރި ތުހުމަތަށް ބިގޭ އިންކާރުކުރުމުންނެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވަނީ އެމަނިކުފާނުގެ ރަހުމަތްތެރިޔާ އަދި އަލިފުށީ ދާއިރާގެ މެންބަރު ސިޔާސީ ފައިިދާ އަށް ކުރާ ކަންކަމާއި ދައްކާ ވާހަކަތައް އޭނާ އަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނާމެދު އެހެން ބޭފުޅުން ބަހައްޓަވާ ގާތްކަމުގެ ވާހަކަ ބިގޭ ނުދެއްކެވުމަށް އެ ޓްވީޓްގައި ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

އަޅުގަނޑަށް ރަނގަޅީ އެހެން ބޭފުޅުން އަޅުގަނޑަށް ބަހައްޓަވާނެ ވަފާތެރިކަމާއި މަދަދުގެ ވާހަކަ އެ ބޭފުޅާ ނުދެއްކެވިއްޔާ
މުހައްމަދު ނަޝީދު

އިމްތިޔާޒު ކޮމިޓީން މައްސަލަ ބޭރުކޮށްލުމުން ރައީސް ނަޝީދުގެ ތަހުގީގަށް ހުރަސްއަޅާކަމަށް ބުނެ މަޖިލީހުގެ ނައިބުރައީސް އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ ވަނީ ބިގޭ އަށް ތުހުމަތު ކުރައްވާފައެވެ. އެ ތުުމަތުތައް ދޮގު ކުރައްވާ ބިގޭ ވިދާޅުވެފައިވަނީ ކޮށައި، ކާޅަށް ކާން ދިނަސް ހައްގު ބަސް ބުނުމުގައި ދެމި ހުންނާނެ ކަމަށާ ވޭތުވެދިޔަ ދިގު މުއްދަތުގައިި ވެސް އޭނާ އުޅުއްވީ އިސްލާހީ މަސައްކަތްތަކުގައި ކަމަށެވެ. އަދި ހުންނާނީ ވެސް އެގޮތުގައި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މަޖިލީހުން ހިިންގާ ތަހުގީގަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވީ ނަމަވެސް، އެ ތަހުގީގަށް ވަކިވަކި ސިފައިން ވެސް މިހާރު ދަނީ މަޖިލީހުގެ 241 ކޮމިޓީއަށް ހާޒިރު ކުރަމުންނެވެ.