އުރީދޫ ކަސްޓަމަރުންނަށް ޔޫއެފާ ޔޫރޯ 2020 ގެ މެޗްތައް ފަސޭހަކަމާއިއެކު ކޮންމެތާކުންވެސް ބަލާލުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އާއި ސޮނީ ލިވް އާ ޕާޓްނާވެއްޖެއެވެ.
އުރީދޫން ބުނީ އެ ހާއްސަ ޕާޓްނާޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސްއިން މިއަދު ސޮނީ ލިވް ޕްރީމިއަމް މަންތްލީ ސަބްސްކްރިޕްޝަންއާ އެކު މެޗުތައް ބަލާލުމަށް 20ޖީބީ ގެ ޑޭޓާ އެންމެ 250 ރުފިޔާއަށް ލިބޭ ހާއްސަ ޕެކޭޖެއް "ޔޫރޯ 2020 ޕެކް" ގެ ނަމުގައި ތައާރަފްކޮށްފައިވާ ކަމަށެވެ.
އެގޮތުން 30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ އެ ޕެކް ނަގާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްގެ އިތުރުން ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑްކްލައުޑް އަދި ސްޕޮޓިފާ ވެސް ބޭނުންކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.
އޭގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ ހަދިޔާއެއްގެ ގޮތުން އާޗާ ޕޯސްޓްޕެއިޑް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށާ، އާޗާ ޕްރިޕެއިޑް 2ޖީބީ/ޑޭ މަންތްލީ ޕްލޭން، ސުޕާނެޓް 50އެމް އަދި 100އެމް ގެންގުޅޭ ކަސްޓަމަރުންނަށް ވެސް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްއަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު މުޅިން ހިލޭ ލިބިގެންދާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.
އުރީދޫން ބުނީ އާޗާ ޕޯސްޓްޕެއިޑް ގެންގުޅޭ ފަރާތްތަކަށް ސޯޝަލް މީޑިއާއަށް ހާއްސަ ކޮށްފައިވާ ޑޭޓާ ބޭނުންކޮށްގެން ޔޫރޯ 2020 ގެ މެޗުތައް ސޮނީ ލިވް މެދުވެރިކޮށް ބަލާލެވޭނެ ކަމަށެވެ.
އުރީދޫން ބުނީ އެ ހާއްސަ އޮފާގެ ދަށުން އާޗާ ޕޯސްޓްޕެއިޑް 600، އާޗާ ޕޯސްޓްޕެއިޑް 800، އާޗާ ޕްރިޕެއިޑް 2ޖީބީ/ޑޭ މަންތްލީ، ސުޕަރނެޓް 50އެމް އަދި 100އެމް އަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށާ، އަލަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް ޖޫން 11، 2021 އިން ފެށިގެން ސޮނީ ލިވް ގެ ޕްރީމިއަމް ކޮންޓެންޓްއަށް އެއް މަސް ދުވަހުގެ ސަބްސްކްރިޕްޝަން މުޅިން ހިލޭ ލިބޭނެ ކަމަށެވެ.
އަދި އާޗާ ޕޯސްޓްޕެއިޑް 1000 ގެންގުޅޭ ފަރާތްތަކާ އަލަށް ނަގާ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ ހިލޭ ސަބްސްކްރިޕްޝަން ލިބޭނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.
ސޮނީ ލިވް އަކީ ސޮނީ ޕިކްޗާސްއިން ފޯރުކޮށްދޭ ޕްރީމިއަމް ވީޑިއޯ އޮން ޑިމާންޑް ހިދުމަތެކެވެ. އެއް ސަބްކްރިޕްޝަނަކުން ގިނަ ޑިވައިސްތަކެއް މެދުވެރިކޮށް ސްޓްރީމް ކުރެވޭއިރު، މި ޕްލެޓްފޯމްގައި 20 އަހަރުގެ މަގުބޫލު އެތައް ޓީވީ ޝޯ، ސީރީޒް، ފިލްމު އަދި ކުޅިވަރު ޕްރޮގްރާމްތަކާއި ޗެނަލްތައް ބަލާލެވޭނެ ކަމަށް އުރީދޫން ބުނެއެވެ.