އެޑިޓާސް ގިލްޑް ގެ ހިންގާ ކޮމިޓީގެ އިންތިހާބު ޖޫން 18، 2021 ވާ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެޑިޓާސް ގިލްޑް އިން ބުނީ އެ ޖަމްއިއްޔާގެ ހިންގާ ގަވާއިދުގައި ބުނާ ހިންގާ ކޮމިޓީގެ އިންތިހާބު މި މަހުގެ 18 ވާ ހުކުރު ދުވަހުގެ މެންދުރު ފަހު 4:00 ގައި ބޭއްވުމަށް ނިންމަފައިވާ ކަމަށެވެ.

މި ޖަމިއްޔާގެ މެންބަރަކަށް ވުމުގެ ފުރުސަތު ޝަރުތު ހަމަވާ ކޮންމެ މީހަކަށްވެސް އޮންނާނެކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މެންބަރަކަށް ވުމުގެ ޝަރުތުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މެއިންސްޓްރީމް އޮންލައިން، ޕްރިންޓް، ބްރޯޑްކާސްޓް އަދި އިލެކްޓްރޯނިކް މީޑިއާގައި މެދުނުކެނޑި މަސައްކަތް ކުރާތާ 10 އަހަރު ވެ އަދި މިހާރުވެސް މަސައްކަތުގައި ދެމި ތިބި އެޑިޓަރުން، މެނޭޖިން އެޑިޓަރުން އަދި އެގްޒެކެޓިވް އެޑިޓަރަކަށް ވުމެވެ.

އަދި އެސޯސިއޭޓް މެންބަރަކަށް ވެވޭނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ނޫސްވެރިކަމާ ގުޅޭ ޖަމްއިއްޔާތަކާއި އިދާރާތަކަށް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ފުލްޓައިމް ކޮށް މެދު ނުކެނޑި 15 އަހަރު މަސައްކަތް ކޮށް އަދި މިހާރު ފުލްޓައިމްކޮށް މަސައްކަތް ނުކުރާ މީހުންނަށް ވެސް ފުރުސަތު އޮތްކަމަށާ ނަމަވެސް މި މީހުންނަކީ ނޫސްވެރިކަމުގައި އެޑިޓަރުން، މެނޭޖިން އެޑިޓަރުން، އެގްޒެކެޓިވް އެޑިޓަރުން، މީޑިއާ ތަކުގެ ސީއީއޯ/ސީއޯއޯ ނުވަތަ ޗެއާމަން ފެންވަރުގައި މަސައްކަތް ކޮށް ތަޖުރިބަ ލިބިފައިވާ ފަރާތްތަކަށް ވާންވާނެކަމަށްވެސް އެޑީޓާސް ގިލްޓް އިން ބުނެއެވެ.

އެޑިޓާސް ގިލްޑަކީ ރާއްޖޭގައި މަސައްކަތް ކުރާ އެޑިޓަރުންނަށް އަމާޒުކޮށްގެން އުފައްދާފައިވާ ޖަމްއިއްޔާއެކެވެ.