ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ދަންޖައްސަން ޖެހޭކަމަށް އެމްޑީއޭގެ ލީޑަރު އަދި މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ގޮވާލެއްވި މައްސަލަ ފުލުހަށް ހުށައަޅައިފިއެވެ.

މިމަހުގެ 6 ވަނަ ދުވަހު އޮތް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ 241 ކޮމިޓީގެ ބައްދަލުވުމަށްފަހު ހިސާން މަރާލިޔަސް ފާފަވެރިނުވާނެކަމަށް ސިޔާމް ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލަ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށްވެސް ހިސާން ވަނީ ގެނެސްފައެވެ.

މިއަދުގެ މަޖިލިސް ފައްޓަވަމުން ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އަކީ "ދަންޖައްސަން ޖެހޭ މީހެއް ކަމަށާއި މަރާލިޔަސް ފާފަވެރި ނުވާނެ" ކަމަށް މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް ވިދާޅުވި މައްސަލަ ފުލުހުންނަށާއި، އެމްއެންޑީއެފްއަށް ހުށައަޅާފައިވާކަމަށެވެ.

އަދި މި މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ފޮނުވައިފައިވާނެ ކަމަށާ ސިޔާމް ވިދާޅުވި ވާހަކަފުޅު މަޖިލީހުން ކުށްވެރިކުރާކަމަށް އަފީފް ވިދާޅުވިއެވެ.

ހިސާންއަށް އަމާޒުކޮށް ސިޔާމް ދެއްކެވިކަމަށް ބުނާ ވާހަކަތަކުގެ އޯޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.