ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމުގެ ގޮތުން ހިންގަމުންދާ ޕާލިމަންޓަރީ އިންކުއަރީއަށް މައުލޫމާތު ނުދިންކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީގެ ސުލޫކީ މައްސަލައެއް ބެލުމުން، އެ އިންކުއަރީ ކުރިއަށް ގެންދާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސީދާ ރައީސް ނަޝީދު އަންގަވައިގެން މަޖިލީހުގެ ހުރުމަތާއި ގަދަރަށް އުނިކަމެއް ގެނެސްފައި ވާކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ މައްޗަށް ދައުވާކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ މައްސަލަ މަޖިލީހުންގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ރޭގެ ވަގުތެއްގައި ވަނީ ހުށައަޅާފައެވެ. ނަމަވެސް އެމައްސަލަ އެ ކޮމިޓީން ރޭ ވަނީ ބޭރުކޮށްލާފައެވެ.

ޒަމީލުގެ މައްސަލަ ކޮމެޓީން ބޭރުކޮށްލުމުގައި އިސްކޮށް ހުންނެވީ ރައީސް ސޯލިހުގެ ޅިޔަނު، އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ތުހުމަތު ކުރައްވައެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގައި ބިގޭ ޓެގްކުރައްވާ މަޖިލީހުގެ ނައިބު ރައީސް އަދި ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ ވެސް ވަނީ ހޫނު ރައްދެއް ދެއްވާފައެވެ. އީވާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ އިންކުއަރީ ފެއިލްކޮށްލުމަށް ބިގޭ މަސައްކަތް ނުކުރުމަށް އެދިފައެވެ.

އަސްލަމް ވިދާޅުވީ ސުލޫކީ މައްސަލައާ ބެހޭ ތަފްސީލީ މައުލޫމާތެއް މެމްބަރުންނަށް ނުދީ، ރޭގެ ވަގުތެއްގަ އިމްތިޔާޒް ކޮމިޓީއަށް ސުލޫކީ މައްސަލައެއް ހުށަހެޅިގެން ދިޔުމަކީ ގަބޫލުކުރަން ދަތިކަމެއް ކަމަށެވެ. އަދި ރޭ ހިނގައިދިޔަ ކަންކަމާ ގުޅޭގޮތުން މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހުގެ ނައިބު ރައީސާވެސް މަޝްވަރާ ކުރެއްވިކަމަށް އަސްލަމް ވިދާޅުވިއެވެ.