ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީއަށް މާލޭ ސިޓީގެ ކުރީގެ މޭޔާރު ޝިފާ މުހައްމަދު ހާޒިރުކޮށްފިއެވެ.

މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މަޖިލީހުގެ 241 ކޮމިޓީއަށް ހާޒިރުކުރަނީ/ ފޮޓޯ: މަޖިލިސް

މަޖިލީހުގެ އިދާރާއިން ކުރެއްވި ޓްވީޓެއްގައި ބުނީ މާލޭގެ ކުރީގެ މޭޔާ ޝިފާ މުހައްމަދަކީ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމެންޓްރީ އިންކުއަރީއަށް މިއަދު ހާޒިރުކޮށްފައިވާ ކަމަށެވެ.

ސަލާމަތީ ހިދުމަތްތަކާބެހޭ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް އިއްޔެ ވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ހާޒިރުކޮށްފައެވެ. އަދި މިއަދު ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝިދަށް މޭ 06، 2021 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި ލިބިލެއްވި ޒަހަމްތަކަށް މިހާރު ދަނީ ޖަރުމަނުގައި ފަރުވާ ހޯއްދަވަމުންނެވެ. އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލާފައިވީ ނަމަވެސް އަދި ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް ނުބުނެއެވެ.

އެމަނިކުފާނު ހޮސްޕިޓަލުން ޑިސްޗާޖް ކޮށްފައިވާ އިރު، އަދި ވެސް ޗެކްއަޕް ހަދަން ހޮސްޕިޓަަލަށް ވަޑައިގަންނަވަން ޖެހޭތީ މަހެއްހާ ދުވަހު ޖަރުމަނުގައި މަޑުކުރައްވާނެއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެ މައްސަލައާ ގުޅޭ 4 ފަރާތެއް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އަދި މއ. ފޭރުގޭ، މުޖާޒް އަހުމަދު، 21 އެވެ.