ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ހާޒިރުކުރަން ތާވަލުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަމާލް ކޮމިޓީއަށް ހާޒިރުވާން އަންގާފައިވަނީ މިއަދު މެންދުރުފަހު 01:00 އަށެވެ.

ޝަމާލްގެ އިތުރުން ސިފައިންގެ އެކި ރޭންކްތަކުގެ އޮފިސަރުން ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފައިވާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.

ނަމަވެސް އެކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މްއެންޑީއެފުން މީގެ ކުރިން ބުނެފައިވަނީ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ އެ މުއައްސަސާގެ ފަރާތުން ކަމަށް ބުނެފައެވެ.

ރައީސް ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީއަށް އިއްޔެ ވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އާއި ޑިރެކްޓާ ކައުންޓާ ޓެރަރިޒަމް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް ހާޒިރުކޮށްފައެވެ.

ފުލުހުންގެ މުއައްސަސާއިން ވަނީ ކޮމިޓީން އެދޭ ވަކިވަކި ފުލުހުން ވެސް ހާޒިރު ވާނެ ކަމަށް ބުނެފައެވެ.