ނަފްރަތުގެ އަމަލު ހިންގުމުގެ ބިލަކީ އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކާ މީހުންނަށް އެކަން ކުރުމަށް ހުޅުވައިދެވޭނެ ދޮރެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ.
އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ ނަފްރަތުގެ އަމަލު ހިންގުމުގެ ބިލު ރައްޔިތުން މަޖިލީހަށް މިހާރު ހުށައަޅާފައި އޮތް ގޮތަށް ފާސްކޮށް ރައީސް ތަސްދީގު ކުރައްވައިފިނަމަ، ރައްޔިތުން މަޖިލީހާއި އަދި އެނޫންވެސް ތަންތަނުގައި މާތް ﷲ ގެ ހަޟްރަތަށާ، އެކަލާނގެ ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކާ ހަދާ މީހުންނަށް އެ ހުޅުވައި ދެވެނީ އެކަން ކުރުމުގެ ގާނޫނީ ދޮރެއް ކަމަށެވެ.
ޖޭޕީން ވަނީ މާތް ﷲ އަށާއި އެކަލާންގެ ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ މީހުންނާމެދު އަޅާނެ ފިޔަވަޅުތައް މިހާރު ހެދިފައިހުރި ގާނުނުތަކުގައި ބުނެދީފައި އޮތް ނަމަވެސް އެއްވެސް ސަރުކާރަކުން އެފަަދަ އެއްވެސް މީހަކާމެދު ތަހުގީގެއް ހިންގައި އެއްވެސް ފިޔަވަޅެއް އެޅިފައިވޭތޯ ސުވާލު އުފައްދާފައެވެ.
ނަފްރަތުގެ އަމަލުގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ހުށައަޅާފައި ވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެން އެވެ. މި ގާނޫނުގައި ގެންނަން ހުށައަޅާފައިވާ އިސްލާހަކީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލަމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާ، އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުމަކީ ކުށެއްކަމަށް ކަނޑައެޅުމެވެ. މީގެ އިތުރުން އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާ ސިފަކުރުމުގާއި ބައިވެރިވުމަކީވެސް ކުށެއްގޮތައް ކަނޑައެޅުމެވެ.
މި އިސްލާހަށް ގިނަ އިލްމުވެރިން ވެސް ވަނީ ފާޑުވިދާޅުވެފައެވެ. މި އިސްލާހާ ބެހޭގޮތުން ޝެއިހް އަލީީ ޒާހިރު ބިން ސައީދު ވިދާޅުވެފައި ވަނީ މި އިސްލާހަކީ އިސްލާމްދީނާ ދެކޮޅަށް އުޅޭ މީހުންނަށް މިނިވަންކަން ފުޅާކުރުމަށާ، އެފަދަ މީހަކީ ދީނާ ދެކޮޅު މީހެއްކަމަށް ބުނާ މީހާ "އުލު ބައިންދަން" ގާނޫނަށް ބަދަލު ގެނައުމަށް މަސައްކަތް ކުރުމަކީ ދީނަށް ނިކަމެތިކަން ގެނައުމަށް ހިންގާ ޖަރީމާއެއްކަމުގައި ނޫނީ ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުންނަށް ވުރެ އެތައް ގުނައެއް ނުރައްކާ ބައެއްގެ ގޮތުގައިވެސް އިލްމުވެރިން ވަނީ ސިފަކުރައްވާފައެވެ.