ފުވައްމުލަކު ސިޓީ އިން އެކްޓިވް ކޭސްތަކުގެ އަދަދު 199އަށް އަރައިފިއެވެ.

ފުވައްމުލަކު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ފާއިތުވި 24 ގަޑިއިރުތެރޭ އިތުރު 26 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއާއެކު އެކްޓިވް ކޭސްތަކުގެ އަދަދު 199 އަށް އަރާފައިވާ ކަމަށެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ފްލޫ ކްލިނިކަށް ދެއްކި 3 މީހަކާއި، ކޮންޓެކްޓް ޓްރޭސިން އިން ނެގި 10 މީހެއް އަދި ރެންޑަމް ސާމްޕަލްގެ ތެރެއިން ނެގުނު 13 މީހެއްގެ ސާމްޕަލް ކަމަށް ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެއެވެ.

އޭގެެތެރޭގައި ހިމެނެނީ 12 ދިވެހިންނާއި 14 ބިދޭސީންނެވެ.

ފުވައްމުލަކު ސިޓީ މޮނީޓަރިން ހާލަތަށް ލާފައިވަނީ މިދިޔަ މަހުގެ ހަވަނަ ދުވަހުއެވެ. އެއީ ފުވައްމުލަކު ފުލޫ ކްލިނިކަށް ދެއްކި ދެ މީހަކު ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް ފުވައްމުލަކުގައި ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. ކާފިއުގެ އިތުރުން ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ވެސް ވަނީ ހުއްޓާލުމަށް އަންގާފައެވެ.

އޭގެ އިތުރުން ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަނާއި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ވެސް ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ. އަދި ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުމަށް ވެސް ވަނީ އަންގާފައެވެ.

އޭގެ އިތުރުން ފިރާތަކުން ހިދުމަތް ދޭއިރު، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ފިހާރަތަކުގެ ހިދުމަތް ދިނުމަށާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓާލުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

ހަމައެހެންމެ ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓާލުމަށް ވެސް އަންގާފައެވެ. މީގެ ތެރޭގައި، ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތެއް ނުހިމެނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.