ހުޅުމާލޭގައި ބައިސްކަލް ކުއްޔަށް ދޫކުރުމަށް ސިޓީ ބައިކް ޕްރޮޖެކްޓް ތައާރަފްކޮށް ހިންގުމަށް ބޭންކްއޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ކުޑަ ކުއްޔެއްގައި 330 ބައިސްކަލު އާންމުންނަށް ލިބޭނެހެން ތައާރަފް ކުރެވިގެންދާނެކަމަށާ، މި ބައިސްކަލުތައް ހުޅުމާލޭގެ ހުރިހާ ސަރަހައްދެއްގައި ދުއްވުމަށް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި މި ބައިސްކަލުތައް ޕާކު ކުރުމަށް ޖާގަހެދުމަށް ޓަކައި ހުޅުމާލޭގައި ހާއްސަ ކުރެވޭ އެކި ސަރަހައްދުތަކުގައި ޑޮކިން ސްޓޭޝަން ގާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެޗްޑީސީއާ ބީއެމްއެލް އިން ގުޅިގެން ކުރިޔަށްގެންދާ މި ޕްރޮޖެކްޓް ގައި ފަންޑުކުރަން ހަމަޖެހިފައިވަނީ ބީއެމްއެލް އިން ނެވެ.

ހުޅުމާލޭގެ ރައްޔިތުންނާއި ހުޅުމާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އަމާޒުކޮށް މުޅިން އަލަށް ތައާރަފް ކުރެވޭ މިފަދަ ޕްރޮގްރާމެއް ހިންގުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން. ބައިސްކަލަކީ ތިމާވެއްޓާއި ރައްޓެހި ދަތުރުފަތުރުގެ ވަސީލަތެއްގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްވެސް އެހީތެރިވެދޭ ވަސީލަތެއް. މި ޕްރޮޖެކްޓާ ބެހޭ މައުލޫމާތު އާންމު ކުރެވިގެން މިދަނީ މިއަހަރުގެ 'ވޯލްޑް ބައިސިކަލް ޑޭ' އާ ގުޅުވައިގެންކަންވެސް ފާހަގަކޮށްލަން."
ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ

ބަައިސްކަލު ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ސިސްޓަމަކީ ބީއެމްއެލްގެ ޑިޖިޓަލް ބޭންކިންގ ހިދުމަތް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ނިޒާމް އެކުލެވޭ ސިސްޓަމެއްކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ވަނީ ރާއްޖޭގެ 20 އަތޮޅުގައި 35 ބްރާންޗް ގާއިމްކޮށް 71 ސެލްފް ސާވިސް ބޭންކިން ސެންޓާގެ ހިދުމަތް ދޭން ފަށާފައެވެ. މީގެ އިތުރުނ 132 އޭޓީއެމްއާ 200 އަށޤވުރެ ގިނަ ކޭޝް އޭޖެންޓުންނާ، އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.