އެމްޓީސީސީގެ މިއަހަރުގެ ކަލަންޑަރުގައި ކޮވިޑްގައި މަރުވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު ކުރަހާފައި ވާ ހިޔާލީ ކުރެހުމާ އެކު ތާއަބަދަށް ބިންވަޅު ނަގައިފިއެވެ.

އެމްޓީސީސީން އާންމު ކުރި އެ ކުރެހުމަކީ އެމްޓީސީސީން ހުޅުވާލި ކަލަންޑަ އާޓް ކޮމްޕެޓިޝަން 2021 އަށް މިސްކާ ހުށަހެޅި ކުރެހުމެއް ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ވަނީ މިޝްކާގެ ހަނދާން އަބަދުވެސް އާ ކުރާނީ ޖަވާހިރެއްގެ ގޮތުގައި ކަމަށް ބުނެފައެވެ.

މިޝްކާ ކުރެހުން އެމްޓީސީސީގެ ކަލަންޑަރުގައި / ފޮޓޯ: އެމްޓީސީސީ

މިޝްކާ ކުރަހާފައިވާ އެކުރެހުމުން މާލޭ ސިޓީގެ މަލަމަތި ފެނިގެން ދާއިރު އެމްޓީސީީގެ އިމާރާތަކާއި އެމްޓީސީސީގެ ލޯންޗެއް ދުއްވާފައި ދާ މަންޒަރު އެ ފެނެއެވެ.

މި ކުރެހުމަކީ އެމްޓީސީސީގެ 2021 ވަނަ ކަލަންޑަރުގެ ޖުލައި މަހަށް ހާއްސަކޮށްފައިވާ ކުރެހުމެވެ.

މިޝްކާ ކުރެހުން އެމްޓީސީސީގެ ކަލަންޑަރުގައި / ފޮޓޯ: ޓްވިޓާ

ކޮވިޑް ޖެހިގެން ހާލު ދެރަވެ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމުގައި ފަރުވާ ދެމުން ދަނިކޮށް ރޭ 12:10 ހާއިރު މަރުވި މިޝްކާ ހޮސްޕިޓަލަށް ގެންދިޔައީ އެމްބިއުލާންސަކަށް އެދުނުތާ 3 ގަޑިއެއް ހާއިރު ފަހުންނެވެ.

މިޝްކާގެ އާއިލާއިން ބުނެފައިވާ ގޮތުން މޭއި 31، 2021 ވަނަ ދުވަހުގެ ރޭ މިޝްކާގެ ހާލު ގޯސްވެ ނޭވާލާން އުނދަގޫވެ ނޭފަތުން ލޭ އަންނަން ފެށުމުން އެރޭ 09:00 ހާއިރު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ގުޅައި އެމްބިއުލާންސް ފޮނުވުމަށް އެދުނެވެ. ނަމަވެސް އެމްބިއުލާންސް އައިސްފައި ވަނީ އެތައް އިރަކު އެޗްޕީއޭއަށް ގުޅިފަހުން އެރޭގެ 11:40 ހާއިރު ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. އެމްބިއުލާންސް އައި އިރު މިޝްކާ އޮތީ ހޭނެތިފައި ކަމަށާ ވިންދުވެސް ނުލިބޭކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.