މިޝްކާގެ ކުއްލި ވަކިވުމަކީ އިމާދުއްދީން ސުކޫލަށާ ތައުލީމީ އާއިލާއަށް ލިބުނު ބޮޑު ހިތާމައެއްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވަނީ މިޝްކާ ވަކިވެދިޔުމާ ގުޅިގެން މިޝްކާގެ އާއިލާއަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުންނާ، މިނިސްޓްރީގެ އިސްވެރިންނާ އެންމެހާ މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ދަންނަވާފައެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެފައިވަނީ 2018 ވަނަ އަހަރު އިމާދުއްދީން ސުކޫލަށް ގުޅުނު މިޝްކާ އަކީ ކިޔެވުމުގެ އިތުރުން ސުކޫލުގައި ބާއްވާ ހުރިހާ އިތުރު ހަރަކާތްތަކެއްގައި ބައވެރިވެ ވަނަ ހޯދާ ހުނަރުވެރި ދަރިވަރެއް ކަމަށެވެ. އަދި ހާއްސަ ދުވަސްތައް ފާހަގަކުރުމަށް ބާއްވާ ހާއްސަ އެސެމްބްލީތަކުގައި މަދަހަ އާއި ޅެން ހުށައެޅުމުގެ އިތުރުން ގުރުއާން އަދި މަދަހަ މުބާރާތްތަކުން ފަހުރުވެރި ވަނަތަކެއް މިޝްކާ ހޯދައިފައިވާކަމަށްވެސް މިނިސްޓާ ވިދާޅުވެފައިވެއެވެ.

އެންމެފަހުން އިމާދުއްދީން ސުކޫލުގައި އޮންލައިންކޮށް ބޭއްވި "ސްޓޯރީ ޓެލިން" އަދި "ކްރިއޭޓިވް ރައިޓިން" އިންވެސް އެންމެ މޮޅު 5 ދަރިވަރުންގެ ތެރޭ މިޝްކާ ހިމެނިފައިވާ ކަންވެސް މިނިސްޓާ ާހަގަކުރައްވާފައިވެއެވެ.

މިޝްކާގެ ލީޑިން ޓީޗާ ފައުޒިއްޔާ މަހުމޫދު ވިދާޅުވީ ލަވަކިޔުމާ، މަދަހަ ކިޔުމާ ގުރުއާން ކިޔެވުމަކީ މިޝްކާ ވަރަށް ކުރާހިތްވާ ކަމެއް ކަމަށެވެ. އެންމެފަހުން އޯޓިޒަމް ދުވަހާ ގުޅިގެން އިމާދުއްދީން ސުކޫލުގައި ތައްޔާރުކޮށްފައިވާ ލަވައިގަވެސް މިޝްކާ ބައިވެރިވެފައި ވެއެވެ.

ފައުޒިއްޔާ ފާހަގަކުރި ގޮތުގައި މިޝްކާ އެންމެ ޝައުގުވެރިވަނީ އިނގިރޭސި މާއްދާއަށެވެ. ވާހަކަ ދެއްކުމުގައިވެސް ދިވެިބަހަށްވުރެ އިނގިރޭސިބަހަށް ފަރިތަކަށް ފައުޒިއްޔާ ފާހަގަކޮށްފައިވެއެވެ. ހާއްސަ ކަމަކާ ގުޅިގެން ރައިވަރެއް ނުވަތަ މަދަހައެއް ނުވަތަ ޅެމެއް ހުށައަޅަން ބުންޏަސް މިޝްކާ ހުންނަނީ އެކަމަށް ތައްޔާރުވެގެން ކަމަށާ މިޝްކާގެ މަންމައާ ބައްޕަވެސް އެކަމަށް ވަރަށް އެއްބާރުލުންދޭކަމަށް ފައުޒިއްޔާ ބުނެފައިވެއެވެ.