ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން އިއުލާންކޮށްފިއެވެ.

އައިއޭއެސް އިން ކުރި އިއުލާނެއްގައި ބުނީ ފްލައިން ސްކޫލެއް ހިންގުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން މި ޕްރޮޖެކްޓަށް ފައިނޭންސް ކުރަން ހުށަހަޅާ ފަރާތަކަށް އިސްކަން ދެވޭނެ ކަމަށެވެ. އަދި އެކަމަށް ކުރިމަތިލާ ފަރާތަކީ އެފަދަ ތަމްރީނުތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވެސް ވާންޖެހޭނެ ކަމަށް އައިއޭއެސް އިން ބުނެއެވެ.

އެ ފްލައިން ސްކޫލް ހިންގާނީ ރާއްޖޭގެ ކޮންމެވެސް އެއް އެއާޕޯޓެއްގައި ކަމަށް އައިއޭއެސް އިން ބުނެއެވެ.

އައިއޭއެސްއިން ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ލިޔުންތައް ހުށަހެޅުމަށް އެދިފައެވެ.

އައިއޭއެސް އިން ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވާއިރު އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލާއި ގުޅޭ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

އެގޮތުން ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލައިގައި ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އަދި 86 ދަރިވަރުން ވަނީ ސްކޫލުގެ މައްސަލަތައް ހިއްސާކޮށް ޕެޓިޝަނެއްގައި ސޮއި ކޮށްފައެވެ. ޕެޓިޝަންގައި ސޮއިކުރި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ސްކޫލުން ވަކިކުރަން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް މިކަން ނުކުރުމަށް ޓްރާންސްޕޯޓުން ވަނީ ބުނެފައެވެ. އޭގެ ފަހުން އެ ސްކޫލުގެ ފަރާތުން ވަނީ އިންޒާރުގެ މެއިލްތަކެއް ވަނީ ކޮށްފައެވެ.

އެގޮތުން ސުކޫލުން ފޮނުވި އީ-މެއިލްއެއްގައި ވަނީ އެ ދަރިވަރަކީ ގަސްތުގައި މީހަކު މަރާފައިވާ ދަރިވަރެއް ކަމަށް ތުހުމަތުވެސް ވަނީ ކޮށްފައެވެ. އަދި އެ އީ-އެމްއިލް ފޮނުވާފައި ވަނީ ޓްރާސްޕޯޓް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް ކޮޕީކޮށެވެ.

މައްސަލަ ބޮޑުވެފައިވާ ފްލައިން ސްކޫލްގައި އެޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުއްވާނެ ބޯޓެއް ނެތްއިރު، މުސާރައިގެ މައްސަލައިގައި އެ ސްކޫލްގެ އިންޖިނިއަރުން ވަނީ މަގާމުން އިސްތިއުފާ ދޭން ނިންމާފައެވެ.

މުސާރައިގެ މައްސަލަ އާއި ހެދި ފްލައިން ސްކޫލްގެ އިންޖިނިއަރުންތަކެއް އިސްތިއުފާ ދޭން ނިންމާފައިވާއިރު މުސާރައިގެ މައްސަލައިގައި އެ ސްކޫލްގެ އިންސްޓްރަކްޓަރުންނާއި ސްކޫލްގެ މުވައްޒަފުން ވަނީ ހަޅުތާލުވެސް ކޮށްފައެވެ.