ހިޔާ ފްލެޓަކަށް ކުލީގެެ ގޮތުގައި މަހަކު ދައްކަން ޖެހޭ ވަރު 6،000 ރުފިޔާއަށް ވުރެ ކުޑަކޮށް ދޭން މާލެ ސިޓީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު އެހެން ވިދާޅުވީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ. މުއިއްޒު ވަނީ އިއްޔެ ރައީސް ސޯލިހު އާ ބައްދަލު ކުރައްވާފައެވެ. އަދި ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވަނީ ރައީސް އާއެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންތައްތައް ހިއްސާ ކުރައްވާފައެވެ

އެގޮތުން ޑރ. މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްގެ އަގަކީ ރައްޔިތުންނަށް ތަހައްމަލް ކުރެވޭނެ އަގަކަށް ނުވާނެ ކަމަށް ރައީސަށް ދެންނެވި ކަމަށާއި ހިޔާ ފްލެޓްތަކުގެ އަގު ކުޑަކޮށް ދެއްވުމަށް ރައީސް ސޯލިހަށް ދެންނެވި ކަމަށެވެ.

އަޅުގަނޑު ދެންނެވީ، ރައްޔިތުންނަށް ތަހައްމަލު ކުރެވޭނެ އަގަކަށް ނުވެޔޭ މަހަކު8500 ރުފިޔާ ދައްކަން ޖެހުން. އެއީ އެއްގޮތަކަށްވެސް ރައްޔިތުންނަށް އެފޯޑަބަލް އަގަކަށް ނުވާނެއޭ، ދެ ކޮޓަރީގެ ފްލެޓްއަކަށް. އަދި އަމުދުން އެތަންތަން ނިންމައިގެން ވަންނަން ޖެހޭ ހާލަތުގައި ހަވާލުވެގެން ދާއިރުގައި، ފިނިޝިންގެ ބައެއް މަސައްކަތް ކުރަންޖެހޭ ގޮތަށް މިއޮތީ.
މާލެ ސިޓީގެ މޭޔާ ޑރ. މުހައްމަދު މުއިއްޒު

ޑރ. މުައިއްޒު އިތުރަށް ވިދާޅުވީ ހިޔާ ފްލެޓްތަކަށް އާންމުންނަށް ވެދެވޭނީ އިތުރު ހަރަދުތަކެއް ކޮށްގެން ކަމަށާއި އެހެން ކަމުން ކުލީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ފަސޭހަ ނުވާނެ ކަމަށެވެ. އަދި ފްލެޓްތަކަށް ވަނުމަށްޓަކައި ދެ ލައްކައެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އަދި ފްލެޓްގެ އަގުން، އެތަން ނިންމަން ދާ ހަރަދު ފިނިޝިންގް ކޯސްޓްގެ އެވްރެޖް އަދަދެއް ނަމަވެސް އުނި ކުރެވިގެން ދިއުމަކީ ރައްޔިތުންނަށް ލިބޭ ލުޔަކަށް ވާނޭ ކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވަނީ 5،500 ރުފިޔާއަށް ކުލި ކުޑަކުރި ނަމަވެސް އެޗްޑީސީއަށް ގެއްލުން ނުވާނެ ކަން ފާހަގަ ކުރައްވާ ފްލެޓްތަކުގެ ކުލި 6،000 ރުފިޔާއަށް ވުރެ ކުޑަކޮށް ދެއްވުމަށް ގޮވާލައްވާފައެވެ.