ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ނިންމާފައިވާ ފަދައިން، އެމްޑަބްލިޔުއެސްސީ އިން ހިދުމަތްދޭ ރަށްރަށުގައި، މި ހިނގާ މެއި މަހުގެ ބިލުން ޑިސްކައުންޓް ދޭން ނިންމައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ އިތުރުން ރ.ދުވާފަރު، ކ.މާފުށި އަދި ހދ.ކުޅުދުއްފުށީގެ ކޮންމެ ގޭބީސީ އެއްގެ މެއި މަހުގެ ފެން ބިލުން 30 ޕަސަންޓް އަދި ކޮންމެ ވިޔަފާރިއެއްގެ ފެން ބިލުން 20 ޕަސަންޓުގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން، އެމްޑަބްލިއުއެސްސީން ރ.ދުވާފަރުގައި ފޯރުކޮށްދެމުންދާ ކަރަންޓްގެ ހިދުމަތުން ވެސް ޑިސްކައުންޓް ދިނުމަށް ވެސް ނިންމާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އެގޮތުން ދުވާފަރުގެ ކޮންމެ ގޭބީސީއެއްގެ މެއި މަހުގެ ކަރަންޓު ބިލުން 40 ޕަސަންޓް އަދި ކޮންމެ ވިޔަފާރިއެއްގެ ކަރަންޓް ބިލުން 20 ޕަސަންޓްގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

އެމްޑަބްލިއުއެސްސީން ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅުމުން ގެންދާ ފިޔަވަޅުތަކަށް އެކުންފުނީގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކޮށް މިބަލިމަޑުކަމުން އަރައިގަތުމަށްޓަކާ އެންމެން އެކުގައި، އެއްރޫހެއްގައި މަސައްކަތް ކުރުމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

ހަމައެއާއެކު، އަތް ދޮވުމުގަޔާއި އަދި އެހެނިހެން ކަންކަމުގާވެސް ފެން ބޭނުން ކުރުމުގައި ވީހާވެސް އިސްރާފު ކުޑަވާނެހެން ފެން ބޭނުން ކުރުމަށް އެމްޑަބްލިއުއެސްސީން ވަނީ އެދިފައެވެ.