މިމަހުގެ ހަވަނަ ދުވަހު ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ 4 މީހުންވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވެފައިވަނީ ހައްޔަރުކުރި 4 މީހުންގެ އިތުރުން ތަހުގީގު ކުރުމުގައި އުޅޭ ގިނަ އޮފިސަރުންތަކެއް ވެސް ކޮވިޑަށް ޕޮޒިޓިވްވެ ތަހުގީގުގެ ސްޕީޑް އުންމީދުކުރި ބާރުމިނުގައި ކުރިޔަށް ނުދާ ކަމަށެވެ.

ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގާމެދު ހިތްހަމަޖެހިވަޑައިގަންނަވާތޯ ސުވާލުކުރައްވާފައެވެ. ސަލީމްގެ ސުވާލަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ، ހަމަލާގެ ތަހުގީގު ފެށުނު ހިސާބުން 450 އެއްހާ ފުލުސް އޮފިސަރުން މައްސަލައިގެ ތަހުގީގުގައި ބައިވެރިވަމުން އަންނަ ކަމަށާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް މައްސަލައަށް ހާއްސަ ސަމާލުކަމެއް ދެއްވައި ކޮމިޓީއެއް އެކުލަވާލައި، ބޭރުގެ ތަޖުރިބާކާރެއްގެ ފާރަވެރިކަމުގެ ދަށުން މައްސަލައިގެ ތަހުގީގު ކުރިޔަށްގެންދާ ކަމަށެވެ. އަދި މައްސަލަ ކުރިޔަށްދާ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަމަށާ، ނަމަވެސް ތަހުގީގުގެ ސްޕީޑް އެންމެ އެދެވޭ ބާރުމިނުގައި ދާނެކަމަށް ވިދާޅު ނުވެވޭނެ ކަމަށެވެ.

އިމްރާން އިތުރަށް ވިދާޅުވެފައިވަނީ މަސައްކަތުގެ ސްޕީޑް އެންމެ ބޭނުންވާ ވަރަށް ނުގެންދެވުމުގެ ސަބަބުތައް އެބަހުރިކަމަށާ، އެހެން ނަމަވެސް އެއްވެސް ވަރުބަލިކަމެއް ނެތި ހަމަލާގެ ތަހުގީގަށް ވަރަށް ގިނަވަގުތު ހޭދަކޮށް، ވަރަށް ބުރަ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.

ހަމަލާއާއި ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ޓެރަރިސްޓް ހަމަލާއާގުޅޭ ތަހުގީގު ގާތުން ބެއްލެވުމަށްޓަކައި ރާއްޖޭން ބޭރުގެ ހާއްސަ މަންދޫބަކު ރައީސް މުހައްމަދު ސޯލިހް ވަނީ ހަމަޖައްސާފައެވެ. އަދި ހަމަލާގެ ތަހުގީގަށް ހުރަސްއެޅޭނެފަދަ އަދި ތަހުގީގުގެ އިތުބާރަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެދިވަޑައިގެންފައެވެ.