ބޮމުގެ ހަމަލާއަށްފަހު ޓެރަރިޒަމާގުޅޭ 14 މީހަކު ހައްޔަރުކޮށްފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިސް ޖަލްސަގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، މަޖިލީހުގެ ރައީސް މުހައްމަދަށް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގުގައި 450 އެއްހާ ފުލުސް އޮފިސަރުން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައިގައި ގިނަ ކުރިއެރުންތަކެއް ހޯދާފައިވާއިރު، މައްސަލައާ ސީދާ ގުޅުން ހުރި 4 މީހަކާ، ޓެރަރިޒަމްގެ މައްސަލަތަކާއި ގުޅޭ 14 މީހަކު ހައްޔަރުކޮށްފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު އެމަނިކުފާނު އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމަށް ވިދާޅުވީ ކީއްވެތޯ އިމްރާންއާ ސުވާލުކުރައްވާފައެވެ. ލަތީފްގެ ސުވާލަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވެފައިވަނީ ރައީސް ނަޝީދު އޭޑީކޭގައި ފަރުވާދެމުން ގެންދަވަނިކޮށް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމަށް ބުނެފަައިވަނީ އެވަގުތު ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ލިބެމުންދިޔަ މައުލޫމާތުންކަމަށެވެ.

އެކަމާ ކަންބޮޑުވުން ފާހަގަކުރައްވާ މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވީ ޑޮކްޓަރުން ދެއްވި ހުރިހާ މައުލޫމާތެއް އަޑު އައްސަވަން އެތަނުގައި ހުންނެވިކަމަށާ، ރައީސް ނަޝިދުގެ ހާލުކޮޅު ރަނގަޅުކަމަށް އެއްވެސް ހާލެއްގައި ޑޮކްޓަރުންވެސް އަދި އާއިލާއިންވެސް ފާހަގަކޮށްފައި ނުވާކަން އެނގިވަޑައިގަންނަވާކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގާގުޅޭ މައުލޫމާތުތައް މަޖިލީހާ ކަމާބެހޭ ފަރާތްތަކަށްވެސް ހިއްސާ ކުރައްވަމުން ގެންދަވާކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ޓެރަރިސްޓް ހަމަލާއާގުޅޭ ތަހުގީގު ގާތުން ބެއްލެވުމަށްޓަކައި ރާއްޖޭން ބޭރުގެ ހާއްސަ މަންދޫބަކު ރައީސް މުހައްމަދު ސޯލިހް ވަނީ ހަމަޖައްސާފައެވެ. އަދި ހަމަލާގެ ތަހުގީގަށް ހުރަސްއެޅޭނެފަދަ އަދި ތަހުގީގުގެ އިތުބާރަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެދިވަޑައިގެންފައެވެ.