ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާ އުފުލައި ހައްޔަރު ކޮށްފައި ހުއްޓާ ގައްދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބު ވި ގދ. ގައްދޫ ވިންސެންޓް، މުހައްމަދު އަހްމަދު (އެމްޑީ) އަނެއްކާ ބަންދުކޮށްފިއެވެ.

ޕީޖީން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 2 މައްސަލައެއްގައި ދައުވާ ލިބޭ މުހައްމަދު އަހްމަދު ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ، ބަންދުން ދޫކޮށްލުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން މޭ، 03 2021 ދުވަހު ނިންމި ނިންމުން ޕީޖީން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދު އޭނާ ބަންދުން ދޫކޮށްލުމަަށް ދަށު ކޯޓުން ނިންމި ނިންމުން ބާތިލު ކޮށްފައިވާ ކަމަށެވެ.

އެ ނިންމެވުމުގެ ނަތީޖާއަކީ މުހައްމަދު އަހްމަދު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދަށުކޯޓުން ކުރި އަމުރު ދެމިއޮތުން ކަމަށާއި އެހެންކަމުން އޭނާ އަލުން ބަންދަށް ބަދަލުކުރެވޭނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

މުހައްމަދު އަހުމަދުގެ މައްޗަށް ޖުމްލަ ތިން ދައުވާއެއް އޮތީ އުފުލާފައެވެ. އަދި އެ މައްސަލަތަކާ ގުޅިގެން ކައުންސިލް އިންތިހާބު ކުރިއަށް ދިޔަ އިރު އޭނާ ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މުހައްމަދު އަހުމަދުގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާއެވެ. އެއީ 2015 ވަނަ އަހަރު އެނާ އެ ރަށު ކައުންސިލް ރައީސް ކަމުގައި ހުންނެވި ދުވަސްވަރު ހިނގި ކަމެކެވެ. މި ދައުވާގެ މައްސަލަ އަދިވެސް އޮތީ ގައްދޫ މެޖިސްޓްރޭޓު ކޯޓުގައެވެ.

ހަމައެއާއެކު މިދިޔަ އަހަރު ފަހުކޮޅު ތެރޭ މުހައްމަދު އަހުމަދުގެ މައްޗަށް ވަނީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އުފުލާފައެވެ. މި ދައުވާތަކުގެ ޝަރީއަތް އަދި ފަށާފައެއް ނުވެއެވެ.

މި ދައުވާތަކަކީ ޕީޕީއެމްގެ ފަރާތުން މުހައްމަދު އަހުމަދު ގައްދޫ ކައުންސިލް ރައީސް ކަމަށް ކުރިމަތިލި އިރު ވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކެކެވެ. މި ދައުވާތަކުގެ އެއްވެސް މައްސަލައެއް ޝަރީއަތަށް އަދި ސާބިތުނުވާތީވެ، އިލެކްޝަންސް ކޮމިޝަނުން މުހައްމަދު އަހުމަދުގެ ކެންޑިޑެސީއާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވުމުން އޭނާއަށް ވަނީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ލިބިފައެވެ.