ފްލައިން ސްކޫލުގެ ހެޑް އޮފް ޓްރެއިނިންގެ މަގާމުގައި ހުންނެވި ސުރަންޖަން ޑިސިލްވާ ހުރުމަށް ދޫކޮށްފައިވާ ހުއްދަ އަތުލުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގެ ފަރާތުން ސ. ގަމުގައި ހިންގަމުން ގެންދާ ފްލައިން ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްފައި ނުވާ ކަމަށެވެ.
އޭގެ އިތުރުން ފުރިހަމަ ކުރުމަށް ބުރޫ އަރާފައިވާ ދަރިވަރުންގެ ކޯސްތައް އެދެވޭ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ފްލައިން ސްކޫލުގެ މެނޭޖުމަންޓުން އަދާ ކުރަންޖެހޭ ޒިންމާތައް އަދާކޮށްފާ ނުވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެހެން ކަމުން ސިވިލް އޭވިއޭޝަން އޮތޯރިޓީން އެމައްސަލަ ބެލުމަށްފަހު ފްލައިން ސްކޫލުގެ ހެޑް އޮފް ޓްރެއިނިންގެ މަގާމުގައި ސުރަންޖަން ޑިސިލްވާ އެ މަގާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ގާނޫނާ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން މޭ 23، 2021 އިން ފެށިގެން އަތުލުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން އިތުރަށް ބުނީ ފްލައިން ސްކޫލުގެ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ހައްލު ނުކުރެވޭނަމަ ސްކޫލުގެ އެކައުންޓަބަލް މެނޭޖަރުގެ މަގާމުގައި ހުރި އަލީ އަކުބަރު ޖީވަންޖީ އެ މަގާމުގައި ހުރުމަށް ދޫކޮށްފައިވާ ހުއްދަ ވެސް އަތުލާނެކަމުގެ އެންމެފަހުގެ އިންޒާރު އޮތޯރިޓީން ލިޔުމުން ދީފައިވާ ކަމަށެވެ.
ފްލައިން ސްކޫލްގައި ހިންގާ ކޯސްތައް އެ ސްކޫލްގެ އިހުމާލުން ލަސްވަމުން ދާތީ ދަރިވަރުން އެ ކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ. ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލައިގައި ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އަދި 86 ދަރިވަރުން ވަނީ ސްކޫލުގެ މައްސަލަތައް ހިއްސާކޮށް ޕެޓިޝަނެއްގައި ސޮއި ކޮށްފައެވެ. ޕެޓިޝަންގައި ސޮއިކުރި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ސްކޫލުން ވަކިކުރަން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް މިކަން ނުކުރުމަށް ޓްރާންސްޕޯޓުން ވަނީ ބުނެފައެވެ. އޭގެ ފަހުން އެ ސްކޫލުގެ ފަރާތުން ވަނީ އިންޒާރުގެ މެއިލްތަކެއް ވަނީ ކޮށްފައެވެ.
އެގޮތުން ސުކޫލުން ފޮނުވި އީ-މެއިލްއެއްގައި ވަނީ އެ ދަރިވަރަކީ ގަސްތުގައި މީހަކު މަރާފައިވާ ދަރިވަރެއް ކަމަށް ތުހުމަތުވެސް ވަނީ ކޮށްފައެވެ. އަދި އެ އީ-އެމްއިލް ފޮނުވާފައި ވަނީ ޓްރާސްޕޯޓް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް ކޮޕީކޮށެވެ.
މައްސަލަ ބޮޑުވެފައިވާ ފްލައިން ސްކޫލްގައި މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުއްވާނެ ބޯޓެއް ނެތްއިރު، މުސާރައިގެ މައްސަލައިގައި އެ ސްކޫލްގެ އިންޖިނިއަރުން ވަނީ މަގާމުން އިސްތިއުފާ ދޭން ނިންމާފައެވެ.
މުސާރައިގެ މައްސަލަ އާއި ހެދި ފްލައިން ސްކޫލްގެ އިންޖިނިއަރުންތަކެއް އިސްތިއުފާ ދޭން ނިންމާފައިވާއިރު މުސާރައިގެ މައްސަލައިގައި އެ ސްކޫލްގެ އިންސްޓްރަކްޓަރުންނާއި ސްކޫލްގެ މުވައްޒަފުން ވަނީ ހަޅުތާލުވެސް ކޮށްފައެވެ.