އެމްއައިޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު އާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓާރު ޝަކީބާ ހުސައިންގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވައިފިއެވެ. ޝާހިދު އާއި ޝަކީބާގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފައި ވަނީ 2018 ވަނަ އަހަރުގެ އާ އަހަރު ފާހަގަ ކުރުމަށް މާލޭގައި ބޭއްވި މިއުޒިކް ޝޯގައި ބޭނުން ކުރުމަށް "ލިންކްސް އައި" ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށް މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ކުއްލިގޮތަކަށް ކޯލްޑް ސްޕާކްސް މެޝިނެއް ގަނެފައިވާ ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހުއެވެ.

އެ މެޝިން ގަނެފައި ވަނީ މިއުޒިކް ޝޯގައި ބޭނުންކުރަން ކަމަށް ވިޔަސް، އެ މެޝިންތަކާއި، މެޝިންތައް އޮޕަރޭޓްކުރަން ބޭނުންވާ ޕައުޑަރު، އާ އަހަރުގެ މިއުޒިކް ޝޯ ބާއްވަން ވީއިރަށް ވެސް ލިބިފައި ނުވާކަން ތަހުގީގަށް ފާހަގަ ކުރެވިފައި ވާކަން އެ ކޮމިޝަނުން ފާހަގަ ކުރެއެވެ. އަދި އެ މެޝިން ގަތުމަށް 7،234 ޑޮލަރު (ދިވެހި ރުފިޔާއިން ބަލާނަމަ، 111،548.28ރ.) ހަރަދު ކޮށްފައި ވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

އެ ކޮމިޝަނުން އިތުރަށް ފާހަގަ ކޮށްފައި ވަނީ އެ މެޝިންތައް ގެނައީ ކޮން ފަރާތަކުން އެދިގެން އަދި ކޮން ފަރާތަކުން ނިންމައިގެން ކަމެއް ވެސް ލިޔެކިޔުމުން އެނގެން ނެތް ކަމަށާ، އެ މެޝިންތައް ގެނެސް އެމްއައިޓީޑީސީ އާ ހަވާލުކޮށްފައި ނުވާ ކަމަށެވެ. އަދި އެމްއައިޓީޑީސީގެ މެނޭޖްމަންޓް ބަދަލުވެ 2019 ގައި އެމްއައިޓީޑީސީއިން އެންގުމުން ލިންކްސް-އައި އިންކޯޕަރޭޓަޑް ޕވޓ. ލޓޑ. އިން އެ މެޝިންތައް އެމްއައިޓީޑީސީއާ ހަވާލުކޮށްފައި ވާކަމާއި، އޭގެ ކުރިން އެއްވެސް އިރެއްގައި އެ މެޝިންތައް ހޯދުމަށް ނުވަތަ މެޝިންތަކަށް ހަރަދުކުރި ފައިސާ އަނބުރާ ހޯދުމަށް އެމްއައިޓީޑީސީއިން މަސައްކަތް ކޮށްފައި ނެތް އިރު، ލިންކްސް-އައި އިންކޯޕަރޭޓަޑް ޕވޓ. ލޓޑ. އިން ވެސް އެ މެޝިންތައް ހަވާލުކުރުމަށް މަސައްކަތެއް ކޮށްފައި ވާކަން އެނގެން ނެތްކަން ތަހުގީގަށް ފާހަގަ ކުރެވިފައި ވާކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.