ފުވައްމުލަކު ސިޓީ އިން ކޮވިޑް-19އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 237 އަށް އަރައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ފާއިތުވި 24 ގަޑިއިރުތެރޭ އިތުރު 30 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއާއެކު އެކްޓިވް ކޭސްތަކުގެ އަދަދު 159 އަށް އަރާފައިވާ ކަމަށެވެ.

މިހާތަނަށް 10،834 ސާމްޕަލްއެއް ނަގާފައިވާއިރު 468 ސާމްޕަލްގެ ނަތީޖާ އަދި ލިބިފައި ނުވާ ކަމަށް ކައުންސިލުން ބުނެއެވެ.

ފުވައްމުލަކު ސިޓީ މޮނީޓަރިން ހާލަތަށް ލާފައިވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ. އެއީ ފުވައްމުލަކު ފުލޫ ކްލިނިކަށް ދެއްކި ދެ މީހަކު ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މިއަދުން ފެށިގެން ހާއްސަ ފިޔަވަޅުތަކެއް އަޅާނެއެވެ. އަދި މި ފިޔަވަޅުތައް އަޅަަފައިވަނީ 7 ދުވަހުގެ މުއްދަތަކަށް ކަމަށް އެޗްޕީއޭއިން ކުރި އިއުލާނުގައި ބުނެއެވެ.

އެގޮތުން 12 ގަޑިއިރު ކާފިއު ހިންގަން ނިންމާފައިވާއިރު ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. ހަމައެއާއެކު، ފުވައްމުލައް ސިޓީގެ އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.

އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށާއި އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓަާލުމަށް ވެސް ވަނީ އަންގާފައެވެ. ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމުގެ އިތުރުން ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ

މީގެ އިތުރުން ފިހާރަތަކުން ހިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމާއި ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުއްޓައިލުމަށް ވެސް އެ އެޖެންސީން ބުނެއެވެ. އަދި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކާއި، ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށާއި ނަމަވެސް އެތަންތަނުން ކާފިއު ވަގުތު ނޫން ވަގުތު ތަކުގައި ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އެ އެޖެންސީން ބުނެއެވެ.