ސްމާޓް ސިޓީއަކަށް ހެދުމަށް ބޭނުންވާ ސްމާޓް އިންފްރާސްޓްރަކްޗާ ގާއިމު ކުރުމަށްޓަކައި ގިނަ މަޝްރޫއުތަކެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށް ދާކަމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން މިއަދު ބުނެފައިވަނީ ސްމާޓް ސިޓީގައި ޓެކްނޮލޮޖީގެ ޒަރީއާއިން ތަރައްގީގެ އެކި ދާއިރާތަކަށް ހެޔޮ ބަދަލު ގެނައުން ހިމެނިގެން ވާއިރު ކާމިޔާބު ކަމާއެކީ ސްމާޓް ސިޓީއެއް ތަރައްގީ ކުރުމަށް ވަރަސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ ފަރާތުން އިސްނަގައިގެން ހުޅުމާލެ ސިޓީ އަކީ ދިރިއުޅެން ފަސޭހަ ސިޓީ އަކަށް ހެދުމަށްޓަކައި ގިނަ މަޝްރޫއުތަކެއް ހިންގަމުން ގެންދާ ކަމަށްވެސް ބުނެއެވެ.
ސްމާޓް ސިޓީއަކަށް ހެދުމުގެ ތެރެއިން އެންމެ ފުރަތަމަ ކުރާ މަސައްކަތަކީ މުވާސަލާތީ ހިދުމަތްތައް އިތުރައް ފުރިހަމަކުރުމަށްޓަކައި މުވާސަލާތީ ޓަވަރުތަކާ ފުރާޅުމަތީގައި ރޫފްޓޮޕް ޕޯލްތަކެއް ޖެހުމުގެ މަސައްކަތް ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި މުވާސަލާތީ 4 ޓަވަރެއް ބިނާކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނެފައި ވަނީ މި ޓަވަރުތަކަކީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ހުރިހާ ފަރާތްތަކަށްވެސް ބޭނުން ކުރެވޭގޮތަށް ފަރުމާ ކޮށްފައިވާ ޓަވަރުތަކެއް ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މޮބައިލް ކަވަރޭޖް ފުޅާކުރުމުގެ ގޮތުން ތިމާވެއްޓާ ރަހުމަތްތެރި ގޮތަށް ފަރުމާ ކުރެވިފައި ވާ މޮނޮޕޯލް ޓަވަރެއް ގާއިމު ކުރެވިފައި ވާނޭ ކަމަށްވެސް އެޗްޑީސީން ބުނެއެވެ. އަދި މި މަހުގެ ތެރޭގައި ހަތަރުފައި ލީ އޭންގިއުލާ ޓަވަރުތަކެއްވެސް ހިޔާ ފްލެޓްތައް ހުރި 3 ސަރަހައްދުގައި ހަރުކޮށް ނިމޭނެ ކަމަށް ލަފާކުރެވޭކަމުގައި އެޗްޑީސީން ބުނެއެވެ.