ފުވައްމުލަކު ސިޓީ އިން އެކްޓިވް ކޭސްތަކުގެ އަދަދު 100 އަށް ވުރެ މައްޗަށް އަރައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ފާއިތުވި 24 ގަޑިއިރުތެރޭ އިތުރު 22 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއާއެކު އެކްޓިވް ކޭސްތަކުގެ އަދަދު 121 އަށް އަރާފައިވާ ކަމަށެވެ.

އޭގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 87 އަހަރުގެ އަންހެނަކަށް ކޮވިޑް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެއެވެ. އެމީހާ އެޑްމިޓް ކޮށްފައިވަނީ ކޮވިޑްގެ ހާލަތު ގޯސްވެގެން ނޫން ކަމަށާއި އެމީހާގެ އެހެން ބައެއް ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުމަށް ކަމަށް ކައުންސިލުން ބުނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހޮސްޕިޓަލުގެ ޑޮކްޓަރަކާއި އިދާރީ މުވައްޒަފަކު ހިމެނޭ ކަމަށެވެ.

ފުވައްމުލަކު ސިޓީ މޮނީޓަރިން ހާލަތަށް ލާފައިވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ. އެއީ ފުވައްމުލަކު ފުލޫ ކްލިނިކަށް ދެއްކި ދެ މީހަކު ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް ފުވައްމުލަކުގައި ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. ކާފިއުގެ އިތުރުން ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ވެސް ވަނީ ހުއްޓާލުމަށް އަންގާފައެވެ.

އޭގެ އިތުރުން ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަނާއި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ވެސް ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ. އަދި ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުމަށް ވެސް ވަނީ އަންގާފައެވެ.

އޭގެ އިތުރުން ފިރާތަކުން ހިދުމަތް ދޭއިރު، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ފިހާރަތަކުގެ ހިދުމަތް ދިނުމަށާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓާލުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

ހަމައެހެންމެ ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓާލުމަށް ވެސް އަންގާފައެވެ. މީގެ ތެރޭގައި، ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތެއް ނުހިމެނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.