ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ. ހޯރަފުއްޓަށް އުދައަރަމުންދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ވިއްސާރައިގައި ހޯރަފުއްޓަށް ލިބިފައިވާ ގެއްލުމުގެ ފޮޓޯ ޓުވީޓުކުރަމުން ފުލުހުން ބުނެފައިވަނީ ގިނަ އަދަދަކަށް ވާރޭ ވެހުމުގެ ސަބަބުން ލިބިފައިވާ ގެއްލުން ކުޑަކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑެތި ގެއްލުން ވެފައިވަނީ ހއ، ހދ، އައްޑޫ ސިޓީ އަދި ފުވަށްމުލައް ސިޓީއެވެ. ފުވައްމުލަކުގައި ފެންބޮޑުވެފައި އޮންނަތާ 2 ދުވަސްވީއިރު މިއަދު ހދ. ކުޅުދުއްފުށީ ގެއެއްގެ ފުރާޅުވެސް ވަނީ ގަދަ ވަޔާއެކު އެއްލާލާފައެވެ. އަދި ހޯރަފުށީ އެއާޕޯޓުގެ އިމާރާތުގެ ބިއްލޫރިގަނޑުވެސް ވަނީ ވައިގަދަވުމުގެ ސަބަބުން ވެއްޓިފައެވެ.

ވިއްސާރައިގެ ސަބަބުން ހޯރަފުށީގައި ފެންބޮޑުވެފައި/ ފޮޓޯ: ޕޮލިސް

މިވަގުތުވެސް ހއ އިން ފެށިގެން ވ އަތޮޅަށް ވަނީ 25 މޭލާއި 30 މޭލަށް ވައިގަދަވެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރިފައެވެ. އަދި މ އަތޮޅުން ފެށިގެން ލ އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރިފައެވެ.

ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން އިއްޔެ ބުނެފައިވަނީ ކުރިޔަށް އޮތް 3 ދުވަހުވެސް ރައްޖޭގެ އެކި ހިސާބުތަކުގައި ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވެ ވައިބާރުވާނެކަމަށް ލަފާކުރެވޭ ކަމަށާ، އާންމު ގޮތެއްގައި 17 މޭލާ 27 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑެއްގައި 50 މޭލާ 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.