ރަށްރަށުގެ އާބާދީ ތަފާތުވުމަކީ ތަރައްގީ ތަފާތުވާނެ ކަމެއް ނޫން ކަމަށް މާލޭގެ މޭޔަރު އަދި އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރަށްރަށުގެ އާބާދީ ތަފާތުވުމަކީ ތަރައްގީ ތަފާތުވާނެ ކަމެއް ނޫން ކަމަށާއި ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެއް ކަމަށެވެ. އަދި ހުރިހާ ރަށެއްގެ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލު ކޮށްދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތު ކުރެވިގެން ނުވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ވެރިކަމަށް ހޮވައިފިނަމަ ފެނިގެންދާނީ ތާފާތުކުރުމެއް ނެތި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އެ ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމަށް އިހުލާސްތެރިކަމާއެކު ބުރަ މަސައްކަތްތަކެއް ކުރައްވާ މަންޒަރު ކަމަށެވެ.
މުއިއްޒު ވިދާޅުވީ ހޯރަފުށީގެ ރައްޔިތުންވެސް ބޭނުންވަނީ ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުންވެސް ބޭނުންވާ ކަންކަން ކަމަށާއި އެގޮތުން ހޯރަފުށީގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ގެދޮރުވެރިކަމާއި ވަޒީފާއާއި އާމްދަނީގެ ފުރުސަތު ކަމަށެވެ. އަދި ހޯރަފުށީގައި ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގަން ބަލާއިރު އޮތް އެންމެ ބޮޑު މައްސަލައަކީ ބިން ނެތުމުގެ މައްސަލަކަން ފާހަަގަކުރައްވައި މުއިއްޒު ވިދާޅުވީ ހޯރަފުށީގައި ބިން ހިއްކައި އެ ބިމުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގައި ވަޒީފާގެ ފުރުސަތު ލިބޭނެ އިތުރު މަޝްރޫއުތައް ހިންގަވާނެ ކަމަށެވެ.
މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު ސިއްހީ ހިދުމަތް ރަނގަޅުކުރުމަށް މަސައްކަތެއް ކޮށްފައިނުވާ ކަން ފާހަގަކުރައްވާ މުއިއްޒު ވަނީ ހޯރަފުށީގެ ސިއްހީ ނިޒާމު ރަނގަޅުކޮށް ހޮސްޕިޓަލަކަށް ހަދައިދިނުމަށް ވައުދުވެވަޑައިގެންފައެވެ. އަދި ކުނި އެއްކުރުމާއި ނައްތައިލުމާއި ކުނިން ހަކަތަ އުފެއްދުން ހިމެނޭހެން ވަށާޖެހޭ ކުނި މެނޭޖުކުރުމުގެ ރަނގަޅު ނިޒާމެއް ގާއިމު ކުރެއްވުމަކީ ވައުދެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހޯރަފުށީގެ އިތުރުން ތުރާކުނުގެ ސްކޫލް ކްލާސްރޫމުތައް އިތުރުކުރުމާއި ހޯލް ހެދުމާއި ސިއްހީ މަރުކަޒު ފެންވަރު ރަނގަޅުކޮށްދިނުމަށް ވެސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.
ތަފާތު ނުކުރާނަމަ ކުދި ރަށްރަށޫގާ ބަނދަރުހަދާ ނަރުދަމާ އަޅާކަށް ނުޖެހުނީސް