ބޭރު ފައިސާ މާރު ކުރުމާ ބެހޭ ގަވައިދަށް ގެނައި އިސްލާހާ އެއްގޮތަށް ރިސޯޓްތަކުން މިހާތަނަށް 25 މިލިއަނެއްހާ ޑޮލަރު މާރުކޮށްފައިވާ ކަމަށާއި ރިސޯޓްތަކުން ރަނގަޅު އެއްބާރުލުމެއް ލިބޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނައި އިސްލާހަށް މިދިޔަ އޮކްޓޯބަރު މަހުގެ އަމަލުކުރަން ފަށާފަިއވާ އިރު، އެ ގަވައިދުގައިވާ ގޮތުގައި ރިސޯޓަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރަން ޖެހެއެވެ. ނަމަވެސް އެ ކަން އެގޮތަށް ނުވާނެ ކަމަށް ބުނެ ގިނަ ރިސޯޓު ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއަށް ފަހު ރައްޔިތުންގެ މަޖިލީހުން ވަނީ ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރުމުގެ އިހުތިޔާރު ބޭނުން ކުރެވޭ ގޮތަށް ގާނޫނު ފާސްކޮށްފައެވެ.

ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިރޭ ހއ. ހޯރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ވަރަށް މަދު ރިސޯޓެއް ފިޔަވައި ޖުމްލަކޮށް ގިނަ ރިސޯޓްތަކުން ގަވާއިދާއި ގާނޫނު ތަންފީޒު ކުރުމަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. އެގޮތުން ޑޮލަރު މާރު ކުރުމުގެ ކަންކަމާ ގުޅޭ ގޮތުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ދެއްވި އެންމެ ފަހުގެ މައުލޫމާތު ރައީސް ވަނީ ހިއްސާ ކުރައްވާފައެވެ.

މިހާތަނަށް ރިސޯޓްތަކުން 25 މިލިއަނެއްހާ ޑޮލަރު މާރުކޮށްފައިވާ ކަމަށާއި މަދު ރިސޯތްތަކަކުން މެނުވީ އެ ގާނޫނަށް ތަބާވެ ޑޮލަރު މާރުކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލުތަކުގެ ނަތީޖާއަކަށް ވާނީ އާއްމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބުން ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރަށް 52 ހަފްތާ ފުރުމުގެ މުނާސަބަތުގައި މިދިޔަ ނޮވެމްބަރު 17 ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ބޭރު ފައިސާ މާރުކުރުމުގެ ގަވައިދާ ގެނައި ބަދަލާ އެކު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ލިބޭނެ ފައިދާތައް ހިއްސާ ކުރައްވާފައެވެ.

އެގޮތުން 2026 ގެ ފުރަތަމަ ކުއާޓަރު ތެރޭގައި ރާއްޖެއިން ބޭރަށް ދާ ދިވެހިން އެއާޕޯޓުން 1000 ޑޮލަރު މާރުކުރެވޭނެ ގޮތަ ހަމަޖައްސާނެ ކަމަށާއި 2026 ގެ ފުރަތަމަ ކުއާޓަރު ނިންމާލާއިރު، ކްރެޑިޓް ކާޑުގެ ލިމިޓް 1400 ޑޮލަރަށް އިތުރު ކުރެވޭނ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. ހަމައެއާއެކު 2025 ގެ މެދުތެރެއަށް ވިޔަފާރުވެރިން މުދާ އިމްޕޯޓް ކުރުމަށް ބޭންކްތަކުން ޓީޓީ ހަދަން ދޫކުރާ ލިމިޓް އިތުރުު ކުރެވޭނ ކަމަށާއި ސަރުކާރު ކުންފުނިތަކަށް ކަޅު ބާޒާރުން ޑޮލަރު ގަތުމުގެ ބަދަލުގައި ބޭންކް ރޭޓްގައި ޑޮލަރު ގަނެވޭނެ ގޮތް ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.