ރައްޔިތުންނަށް ދިރިއުޅެވޭ ވަރަށް ހއ. ހޯރަފުށި ތަރައްގީ ކުރެވުނީ އަދި ކިރިޔާ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ހއ. އަތޮޅަށް މިހާރު ވަޑައިގެންފައިވާ ރައީސް ހޯރަފުށްޓަށް ވަޑައިގެން ވިދާޅުވީ، އެމަނިކުފާނުގެ ވެސް، އަދި ގުޅިފައިވާ ކޯލިޝަންްގެ ވެސް އޮތީ އެންމެ އެޖެންޑާ އެއް ކަމަށެވެ - އެއީ ރައްޔިތުންނަށް އުފާވެރިކަމާއި ތަރައްގީ ގެނެސް އަމާން ތަނަކަށް ރާއްޖެ ހެދުން ކަމަށެވެ.
މި ދައުރުގައި ހޯރަފުށި ރައްޔިތުންގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވި ގޮތުުގައި، އަމާޒަކީ ހޯރަފުށީގެ އިތުރުން ބޮޑު ތިލަދުންމަތި އެއްކޮށް ތަރައްގީކުރުމެވެ
ހޯރަފުށްޓަށް ވަޑައިގެންނެވުމުން އެ ރަށު ރައްޔިތުން ކީ މަރުހަބާ އިން ހާމަވެގެން ދިޔައީ ރަށަށް އައިސްފައިވާ ތަރައްގީ ކަމަށާއި، ރަށުގެ އިތުރުން ހުރިހާ ރަށްރަށުން ވެސް އެ ބަދަލުތައް ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.
"ތަރައްގީ އަކީ އަބަދު ވެސް ބޭނުންވާނެ އެއްޗެއް، އަބަދު ވެސް މިއަށް ވުރެ މިހާރު އޮތް ހާލަތަށް ވުރެ އެހެން ހާލަތަކަށް ބަދަލުވާން އަބަދު ވެސް ރައްޔިތުން އެދޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ 70 އަހަރު ހޯރަފުށީގެ ހާލަތު އަޅާ ކިޔުއްވައި ރައީސް ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު ގެނެވުނު ތަރައްގީގެ ފަހުން އެ ރަށުގައި ރައްޔިތުންނަށް ދިރިއުޅެވޭ ވަރު ކުރެވުނީ އަދި ކިރިޔާ ކަމަށާއި، މިއީ އަދި ކުޑަ މިންވަރެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުން، މިދިޔަ 70 ވަރަކަށް އަހަރުގެ ތެރޭގައި އެ ރަށުގެ މަގުތައް ތަރުތީބުކުރުން ފިޔަވައި އެހެން ކަމެއް މީގެ ކުރީ ސަރުކާރުތަކުން ކޮށްދީފައި ނުވެއެވެ.
އެއާޕޯޓުތަކުގެ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މި ދައުރު ނިމުމުގެ ކުރިން ފަސް އެއާޕޯޓެއްގެ މަސައްކަތް ފަށްޓަވާނެ ކަމަށާއި، ހަތަރު އެއާޕޯޓެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
"ބޭނުމަކީ މުޅި ރާއްޖެ އެއްކޮށް ތަރައްގީކުރުން، ތަންކޮޅެއްގައި ކަމެއް ކޮށްލައިގެނެއް މި ރާއްޖެ ތަރައްގީއެއް ނުކުރެވޭނެ،"
ރައީސް ވިދާޅުވީ، ވިސްނުންތެރިކަމާ އެކު ތަރައްގީގެ މަސައްކަތްތައް ނުކުރަންޏާ ކުދި ރަށްރަށް ބާކީވެ، އެ ރަށްރަށަށް ތަރައްގީ އަންނަން 15-20 އަހަރު ނަގާނެ ކަމަށެވެ. ވުމާއެކު އެއް ރަށް އަނެއް ރަށާ ގުޅިލާމެހި، އެއް ރަށުން ނުލިބޭ ހިދުމަތްތައް އަނެއް ރަށުން ލިބެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.